ވޮޝިންޓަން (12 ޑިސެމްބަރު ) - އެމެރިކާގައި ކޮވިޑް ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ޓްވިޓާގައި ޕޯސްޓް ކުރި ވީޑިއޯ އެއްގައި ވިދާޅުވެފައި ވަނީ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެފްޑީއޭއިން ދިނުމުން ވެކްސިން ދިނުމުގެ ކަންކަން 24 ގަޑިއިރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ޕޯސްޓްގެ ޚިދުމަތްދޭ ފެޑެކްސް އަދި ޔޫފީއެސް އާއި ގުޅިގެން މިހާރު ވެސް ވެކްސިން ސްޓޭޓްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ސްޓޭޓްތަކުން އެންމެ ފުރަތަމަ ވެކްސިން ދޭނެ މީހުން ކަނޑައަޅާނީ އެ ސްޓޭޓެއްގެ ގަވަރުނަރުން ކަމަށެވެ.

"އެންމެ ފުރަތަމަ ބޭނުންވަނީ ދުވަސް މީހުންނާއި، ސިއްހީ ހިދުމަތްތެރިންނާއި، ފަރަންޓް ލައިންގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދިނުމަށް. އޭރުން މި ރޯގާގައި މަރުވާ މީހުން ވަރަށް ބޮޑަށް މަދުކުރެވޭނެ،" ރައީސް ޓްރަމްޕް ވިދާޅުވި އެވެ.

ހުކުރު ދުވަހު ބޭއްވުނު ފެޑެރަލް އެޑްމިނިސްޓޭޝަންގެ ކޮމިޓީއިން ކޮވިޑް-19 އަށް ފައިޒާ އަދި ބަޔޯ އެން ޓެކުން އުފައްދާފައިވާ ވެކްސިން އެމެރިކާގައި ބޭނުންކުރުމަށް ފެންނަކަމަށް ނިންމުމާއި ގުޅިގެން އެފްޑީއޭ އިންވެސް ވެކްސިން އެމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. މި ހުއްދަ ލިބުމުން ކްރިޓިކަލް ހާލަތުގައި ތިބި އެތަށް މިލިއަން މީހުންނަށް މި ވެކްސިން ފޯރުކޮށްދެވޭނެ އެވެ. -- ޑެކަން ހެރަލްޑް