އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް (ފޯޅަވަހި) އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމައިފި އެވެ.
އިނގިރޭސީންގެ ބާރުގެ ދަށުގައި އޮންނަ ޗާގޯސް އައިލެންޑްގެ އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެ ކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.
ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ރާއްޖެއިން ނިންމިކަން އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.
އޭޖީ މިކަން އިއުލާންކުރެއްވީ ރާއްޖެއާ މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލާގައި ބޭއްވި ބައިނަލްއަގްވާމީ ޓްރައިބިއުނަލްގަ އެވެ.
ރިފްއަތު ވިދާޅުވިގޮތުގައި ރާއްޖެއިން މިގޮތަށް ނިންމީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅިގެން ދިމާވެފައިވާ މައްސަލަ އަވަހަށް ހައްލުކުރުމަށެވެ.
މީގެ ކުރިން ޗާގޯސްގައި ނެގި ވޯޓުތަކުގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް އެރީ ވެސް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ހިމާޔަތްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުން ލިބޭ ސަރަހައްދު ކަށަވަރުކުރުމަށް ކަމަށް އޭރު ބުނެފައިވެ އެވެ. މި ފަހަރު ވެސް ހަމަ އެ ސަބަބަށްޓަކާ ނިންމުން ބަދަލުކޮށްފައިވާއިރު މޮރިޝަސްއާ ރާއްޖެއާ ދެމެދު މައްސަލަ ދިމާވެފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.
މޮރިޝަސް އިން މި މައްސަލަ ހުށަހެޅީ 2010 ގައި "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުންނެވެ. އެގޮތުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށް އެކަން އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ހުށައަޅާފަ އެވެ. މޮރިޝަސް އިން އިއުތިރާޒް ކޮށްފައި ވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިޤްތިޞާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެ އެވެ.
މި މައްސަލާގައި ވަކާލާތުކުރައްވަމުން އޭޖީ ވިދާޅުވީ މުޅި މި މައްސަލައަކީ ވެސް ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައަކަށް ވުރެ ބޮޑަށް ޗާގޯސް މައްސަލައާ ގުޅުންހުރި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. އެހެންވެ ރިފްއަތު ވިދާޅުވީ ޗާގޯސް މައްސަލާގައި ރާއްޖެއިން މޮރިޝަސް އާ އެއްކޮޅަށް ވޯޓުދޭން ނިންމި ނިންމުމާ ގުޅިގެން، ކަނޑުގެ ސަރަހައްދީ އިމުގެ މައްސަލާގައި މޮރިޝަސްއިން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ ވެސް އެ ގައުމުން އަނބުރާ ގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ރިފްއަތު ވިދާޅުވީ މި މައްސަލާގައި ޗާގޯސްގެ އުތުރުން މޮރިޝަސްގެ ސަރަހައްދެއް ކަމަށް ކަނޑައަޅަން އެދިފައިވާ ސަރަހައްދަކީ ރާއްޖޭގެ އިމުން 22،000 އަކަ ކިލޯމީޓަރު ގެއްލޭ ސަރަހައްދެއް ކަމަށެވެ. މޮރިޝަސްގެ މި ދައުވާއަކީ ކުއްލި ކަމެއް ކަމަށާއި، މީގެ ކުރިން 10 އަހަރު ވެގެން ދިޔަ އިރު ވެސް އެ ގައުމުން އަބަދުވެސް ވަކާލާތު ކުރަމުން އައީ 200 ނޯޓިކަލް މޭލުގެ ސަރަހައްދަކާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.
އޭޖީ ވިދާޅުވީ އެ މައްސަލައިގައި ޖަވާބުދާރީވާނެ ފުރުސަތެއް ރާއްޖެއަށް ލިބިފައި ނުވާއިރު، މޮރިޝަސްއިން އެކަމުގައި ހުށަހަޅާފައި ވަނީ ވެސް އެއްވެސް ބުރަދަނެއް ނެތް ހެކިތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ބޭރުގައިވާ ޓެކްނިކަލް އެތައް ކަމަކަށް ރާއްޖެއިން ދިރާސާކޮށް ބަލަން މަޖުބޫރުވި ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް މި މައްސަލާގައި ވަކާލާތުކުރުމަށް ދަތިތަކާ ކުރިމަތިވިކަން ވެސް ރިފްއަތު ފާހަގަކުރެއްވި އެވެ.
މީގެ އިތުރަށް މި މައްސަލައާ ގުޅިގެން މޮރިޝަސް އިން ހަދާފައިވާ ސާވޭއަށް އަލިއަޅުއްވާލައްވައި ވިދާޅުވީ އެ ސާވޭގެ ނަތީޖާއަކީ ބޭކާރު އެއްޗެއް ކަމަށާއި އެއިން މޮރިޝަސްއިން ބޭނުންވާ ފަދަ ނަތީޖާއަކަށް ވާސިލްވެވިފައި ނުވާ ކަމަށެވެ. މޮރިޝަސްއިން ހެދި މި ބޮޑު ސާވޭއަށް ހޭދަވި ފައިސާ އަނބުރާ ހޯދުމަށް ވެސް އެ ގައުމުން ދައުވާކޮށްފައިިވެ އެވެ. އެކަމަކު ރާއްޖެއިން ޗާގޯސް މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭނެ ކަން ދެ ގައުމުގެ ވެރިންގެ މެދުގައި ސިޓީން މަޝްވަރާކުރެވިފައިވާތީ އެކަމާ ގުޅިގެން އެ ދައުވާ އަނބުރާ ގެންދަން ނިންމާފައިވާކަން ފާހަގަކުރައްވާ އޭޖީ އެކަމަށް ޝުކުރުއަދާކުރެއްވި އެވެ.