އެކްޓަރު ކަރަން ކުންދުރާ އުމުރުން 12 އަހަރުގެ އެކްޓަރެސް ރިވާ އަރޯރާއާއެކު ލޯބީގެ ލަވައެއް ކުޅުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

"ބިގްބޮސް 15" ފެނިގެންދިޔަ ކަރަން ކުންދުރާގެ އުމުރަކީ 38 އަހަރެވެ. މިލަވަ ޔޫޓިއުބުގައި ރިލީޒް ކުރުމާއެކު ކަރަން އާއި މިލަވަ އުފެއްދި ފަރާތްތައް ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި ރިވާގެ މައިންބަފައިނަށް ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

މި މައްސަލައިގައި އެތައްބަޔަކު ފާޑުކިޔަމުން ދާއިރު، ފާޑުކިޔާ މީހުންގެ ތެރެއިން ގިނަބަޔަކު ބުނަނީ މިއީ ކުޑަކުއްޖަކަށް ޖިންސީގޮތުން ކުރެވޭ ގޯނާއެއް ކަމަށެވެ.

ބައެއް މީހުން ބުނާ ގޮތުން އޭނާގެ ބެލެނިވެރިން ވަނީ އޭނާ ކުޑައިރު ބޮޑު މީހެއްގެ ސިފަޖެއްސުމަށް ހޯމޯން އިންޖެކްޝަން ފަދަ ތަކެތިވެސް ޖަހާފަ އެވެ.

ރިވާ އެންމެ ފުރަތަމަ ފެނިފައިވަނީ "ޕަވިޓްރާ ބާގްޔާ" ކިޔާ ސީރީޒްއެއްގައި އުޅޭ ދެމަފިރިންގެ ދަރިއެއްގެ ގޮތުގަ އެވެ.

ތުހުމަތުތަކާ ގުޅޭގޮތުން ރިވާ އަދި އޭނާގެ އާއިލާއިން ވެސް އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. މިކަމާ ގުޅިގެން ކަރަން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ޒީ މިއުޒިކްގެ މި ލަވައަށްފަހު ރިވާއަށް ފިލްމީ އިންޑަސްޓްރީން ގިނަ ފުރުސަތުތަކެއެއް ލިބެމުން އަންނަ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

https://www.youtube.com/watch?v=Fg5I7LlELJ4&t=1s

ކަރަން އެންމެ ފަހުން ފެނިގެންފައިވަނީ "ޑާންސް ދީވާނޭ ޖޫނިއާސް"ގެ ފުރަތަމަ ސީޒަން ހޯސްޓެއް ގޮތުގައި އެވެ. ކަރަން އަކީ ޑްރާމާގެ އިތުރުން ބައެއް ރިއަލިޓީ ޝޯތައް ވެސް ހުށައަޅައިދީފައިވާ ފަންނާނެކެވެ.