ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހުށައަޅައިދޭ "ބިގްބޮސް 16" އަށް އަންނަނީ ބެލުންތެރިން ބޮޑު ތަރުހީބެއް ދެމުންނެވެ. ކޮންމެ ރެޔަކު ކަލާޒް ޓީވީއިން ގެނެސްދޭ މިރިއަލިޓީ ޝޯގައި ތިން ހަފްތާ ނިމިގެން ގޮސްފައިވާއިރު މިޝޯއިން ފުރަތަމަ ބޭރުވެގެން ގޮސްފައި ވަނީ ޓީވީ ބަތަލާ ސްރީޖިތާ ދޭ އެވެ.

މި ހަފްތާގެ ބިގްބޮސް ހައުސްގެ ކެޕްޓަން މަގާމަށް ޕްރިޔަންކާ ޗައުދަރީ އާއި ވާދަކޮށް މަރާޓީ ބިގްބޮސް ކާމިޔާބު ކުރި ޝިވް ތަކަރޭ ވަނީ ކެޕްޓަންކަން ހާސިލުކޮށްފަ އެވެ. މިހަފްތާގައި ބިގްބޮސްއިން އެލިމިނޭޝަނަށް ނޮމިނޭޓް ވެފައިވާ ބައިވެރިންނަކީ ސުމްބުލް އާއި މަންޔާ އަދި ޝާލިން ބަނޯތު އެވެ.

މި ހަފުތާގައި ކެޕްޓަން ޝިވްގެ "މާސްޓާ މައިންޓް" ގޭމް ފެނިގެން ގޮސްފައިވާއިރު އޭނާ އާއި ދެކޮޅަށް ބައިވެރިންގެތަކެއް ވަނީ މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ޝިވްގެ ގޭމް ޕްލޭން ބަދަލުކޮށްލެވޭނެ ގޮތެއް އެބައިވެރިންނަކަށް ނުކުރެވުނެވެ.

މިފަހަރުގެ ސީޒަންގައި ފުރަތަމަ ފަހަރަށް ބިގްބޮސްގެ ޖަލަށް ބައިވެރިޔަކު ލުމަށް ކެޕްޓަންއަށް ބިގްބޮސް ފުރުސަތު ވަނީ ދީފަ އެވެ. އެގޮތުން ޝިވް ވަނީ ބިގްބޮސްގެ ޖަލަށް ޕްރިޔަންކާ ލާފަ އެވެ.

ރޭގެ އެޕިސޯޓްގައި ސަލްމާންގެ ބަދަލުގައި ބިގްބޮސްގެ ބައިވެރިންގެ ކުލާސް ނަގައިދީފައި ވަނީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރެވެ. ރޭގެ އެޕިސޯޓްގައި ސަލްމާނަށް ބައިވެރިވެފައި ނުވަނީ އޭނާ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން ޝިވްގެ އަތުން ކެޕްޓަންގެ މަގާމު އަތުލުމަށް ފަހު ބިގްބޮސް ވަނީ އަރްޖުނާއަށް ކެޕްޓަންގެ މަގާމު ހަވާލުކޮށްފަ އެވެ. މިއާއެކު ގޭތެރޭގެ މާހައުލު އިތުރަށް ހަލަބޮލިވެގެން ދެ އެވެ.