މަނީ ލޯންޑްރިންގެ ބޮޑު މައްސަލެއް ތަހުގީގުކުރަމުން އަންނަނިކޮށް، ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް ފިލައިގެން ދިއުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އިންޑިއާގެ އެންފޯސްމަންޓް ޑިރޮކްޓަރޭޓް (އީޑީ) އިން ދިއްލީގެ ކޯޓެއްގައި ބުނެފި އެވެ.

ޖެކްލީންއަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ އަކީ އޭނާ ލޯބީގެ ގުޅުމެއް ބާއްވަމުން އައި ކަމަށް ބުނާ ސުކޭޝް ޗަންދުރަޝޭކަރު އަޑީގައި ހުރެގެން ހިންގާފައިވާ ކަމަށް ބުނާ 200 ކްރޯޑް ރުޕީސްގެ މައްސަލައެކެވެ.

އޭނާގެ އަތުން ޖެކްލީންއަށް ހަދިޔާގެ ގޮތުގައި 10 ކްރޯޑް ރުޕީސްގެ ތަކެތި ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއިރު، ދެ މީހުން އެކީގައި ނަގާފައިވާ ގައިގޯޅި ފޮޓޯތަކެއް ވެސް މީގެ ކުރިން ވަނީ ލީކްވެފަ އެވެ.

މިމައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި އީޑީން ބުނެފައިވަނީ ޖެކްލިން އިންޑިއާ ދޫކޮށް ދާން މަސައްކަތް ކުރީ ޖަލަށްލާފައިވާ ސުކޭޝްގެ މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް ކަމަށެވެ.

ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ އޭނާގެ ކަފާލާތުގެ ދަށުން އާންމުކޮށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެކެވެ. އޭނާގެ ވަކީލުން ބުނީ، އީޑީގެ އެއްވެސް ލިޔުމެއް އޭނާއަށް ލިބިފައި ނުވާ ކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ކޯޓުގެ އެ ވާހަކަތަކާއި ގުޅިގެން ޖެކްލިންގެ ކަފާލާތުގެ އެޕްލިކޭޝަން ހުށަހެޅުމާ ދެކޮޅު ހަދައި އީޑީން ތުހުމަތުކޮށްފައި ވަނީ އޭނާ މޯބައިލް ފޯނުން ޑޭޓާ ޑިލީޓްކޮށްގެން ތަހުގީގުގެ ތެރޭގައި ހެކި ނައްތާލަން މަސައްކަތް ކުރި ކަމަށެވެ.

އޭގެ އިތުރުން، އީޑީން ވަނީ ޖެކްލިން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ވެސް ބުނެފައި ވެ އެވެ.

އީޑީން ބުނެފައިވާ ގޮތުގައި، ސުކޭޝް ޖިނާއީ މައްސަލަތަކުގައި ބައިވެރިވާކަން ޖެކްލިން އެނގޭ ކަމަށާއި އޭނާއަކީ ކައިވެނިކޮށްގެން އުޅޭ މީހެއް ކަންވެސް އެނގޭ ކަމަށެވެ. ނަމަވެސް ޖެކްލިން އެ ކަންކަން މާބޮޑު ކަމަކަށް ނަހަދާ، ސުކޭޝް އާއެކު މާލީ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިމައްސަލައާ ގުޅިގެން އޭނާގެ އަތުން ވަނީ ވަރަށް ގިނަ ފިލްމުތައް ވެސް ގެއްލިފަ އެވެ.