ރާއްޖޭގެ ކޭބަލް ޓީވީގެ ވިޔަފާރި މީޑިއާ ނެޓަށް އެކަނި ކުރެވޭ ގޮތަށް، ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ގަވާއިދަށް މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަން (އެމްބީސީ) އިން މިއަހަރު ގެނައި ބަދަލާ ގުޅިގެން ދިރާގު ޓީވީ ލައިސަންސް އައުކުރުމުގެ ފުރުސަތު މި ވަގުތު ދިރާގަށް ބަންދުވެފައި ވީނަމަވެސް، އެކުންފުނިން ތިބީ ޚިދުމަތް ކުރިއަށް ގެންދެވޭނެކަމުގެ އުންމީދުގައި ކަމަށް ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ބުނީ އެކަމާ ގުޅިގެން ދިރާގަށް ލައިސަންސް އައުކުރެވޭނޭ ގޮތެއް ހޯދުމަށް ބެހޭ މުއައްސަސާތަކާއި އަދި އެމްބީސީ އާއި މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ޚިދުމަތުގެ ލައިސަންސް އަންނަ ޖަނަވަރީގައި މުއްދަތު ހަމަވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގައި ކަމާއި ބެހޭ މުއައްސަސާތަކާއިއެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނާއި ޙިއްސާކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.
"ދިރާގު ޓީވީފެށުމާއި އެކު ކަސްޓަމަރުންގެ ފަރާތުން އެޚިދުމަތަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެން ދިޔަ އެވެ. އަދި މިކަމަށްޓަކައި ދިރާގު ޓީވީ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ބޭނުން ކުރައްވަމުންދާ އެތައް ހާސް ކަސްޓަމަރުންނަށް އެ ކުންފުނިން ވަރަށް އިޚުލާސްތެރިކަމާއި އެކު ޝުކުރުދެންނެވި އެވެ. ކަސްޓަމަރުންނަށް ދެމުންދާ މިޚިދުމަތް ކުރިޔަށް ގެންދެވޭނޭ ގޮތެއް ވޭތޯ ބެލުމަށް އަދިވެސް އެކުންފުނިންދަނީ މަސައްކަތް ކުރަމުންނެވެ." ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
ދިރާގު ޓީވީގެ ޚިދުމަތް ކުރުމުއްދަތެއްގެ ތެރޭގައި މިވަނީ ރަނގަޅު ފެންވަރެއް ގައި ފޯރުކޮށްދީ، އަދި އަގު ގައި އެއްވެސް ތަފާތު ކުރުމެއްނެތި 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަން ގައި ރާއްޖޭގެ 85 ޕަސެންޓް ގޭބިސީއަށް (90 ރަށަށް) ލިބުމުގެ މަގު ފަހިކޮށްދީފަ އެވެ.
މި ފުރުސަތުގައި ކަސްޓަމަރުންގެ ފަރާތުން ކެނޑިނޭޅި ދެއްވަމުންގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކޮށް ދިރާގު ޓީވީގެ ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން މި ޚިދުމަތަށް ލިބެމުންދާ ތަރުޙީބުކަން އެ ކުންފުނިން ފާހަގަކުރެ އެވެ.