ކަލާސް އިން ދައްކަމުން އަންނަ މަގުބޫލު ރިއަލިޓީ ޝޯ "ބިގްބޮސް 16" ހަތަރު ހަފްތާވެގެން ހޮސްފައިވާއިރު، މިޝޯ އަންނަނީ ބެލުންތެރިންގެ މެދުގައި އިތުރަށް މަގުބޫލުކަން ހޯދަމުންނެވެ. ކޮންމެ ދުވަހަކު ވެސް ބެލުންތެރިން މުނިފޫހިފިލުވައިދޭ ކަންތައްތައް ޝޯގެ ތެރެއިން ފެނިގެންދެ އެވެ.

ކޮންމެ ހަފްތާއަކު ވެސް އާ ކެޕްޓަނެއް ހޮވާއިރު ކެޕްޓަން ހޮވުމަށް ކުރިއަށް ގެންދާ މުބާރާތްތަކީ ބައިވެރިން ވަރަށް ފޯރިއާއެކު ކުރިއަށްގެންދާ ހަރަކާތްތެކެވެ.

މިފަހަރުގެ ސީޒަންގައި ކެޕްޓަންކަން ނިމްރިތު ކޯރު އަލުވާލިއާ އާއި ގޯތަމް ވިގް އަދި އަރްޗަނާ ގޯތަމް ވަނީ ކޮށްފަ އެވެ.

މި ހަފްތާގައި ވަނީ މި ސީޒަންގެ ފަސް ވަނަ ކެޕްޓަން ހޮވާފަ އެވެ. އެގޮތުން މިހަފްތާގެ ކެޕްޓަން ކަމަށް ބައިވެރިން ހޮވާފައިވަނީ ޓީވީ އެކްޓަރު އަންގިތު ގުޕްތާ އެވެ. އަންގިތު އަކީ މަޝްހޫރު ޓީވީ ސިލްސިލާ "އުދާރިޔާ" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

އަންގިތު "ބިގްބޮސް"ގެ ފުރަތަމަ ހަފްތާގައި އެހާ ބޮޑަށް ކަންކަމުގައި ބައިވެރިނުވާތީ ޝޯގެ ހޯސްޓް ސަލްމާން ވެސް ވަނީ އެކަން ފާޅުކޮށް ވާހަކަ ދައްކާފަ އެވެ. އޭގެ ފަހުން އަންގިތު އަންނަނީ ކޮންމެ ވެސް ވަރަށް ޝޯގެ ތެރޭގައި ހިނގާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

އަބްދުއް ރޮޒިކް އާއި އިތުރު ބައިވެރިން ބިގްބޮސްގައި

މި ފަހްތާގައި "ބިގްބޮސް 16" އިން ބޭރުކުރުމަށް ބައިވެރިން ވަނީ ހަތް ބައިވެރިޔަކު ނޯމިނޭޓް ކޮށްފަ އެވެ. އެގޮތުން މިހަފްތާގައި އެލިމިނޭޝަންއަށް ނޯމިނޭޓް ވެފައިވާ ބައިވެރިންނަކީ ނިމްރިތު ކޯރު އަލުވާލިއާ އާއި ގޯތަމް ވިގް އާއި ޝިވް ޓާކްރޭ އާއި އަބްދުއް ރޮޒިކް އާއި ޓީނާ ދައްތާ އާއި ގޯރީ ނަގޯރީ އަދި ސޯންދަރިޔާ ޝަރްމާ އެވެ.

"ބިގްބޮސް 16" މިހާތަނަށް އައިރު މަންޔާ ސިންގް އާއި ސްރީޖިތާ ދޭ ވަނީ ކަޓާފަ އެވެ.

އަންކިތު ގުޕްތާގެ ކެޕްޓަންޝިޕްގެ ދަށުން "ބިގްބޮސް" ގޭ ތެރޭގައި އިތުރަށް ހިންގާނެ ކަންތައްތައް އެނބުރޭނެ ގޮތް ބަލަން މަޑުކޮށްލަމާ ހިންގާށެވެ.