އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ބ. ދަރަވަންދޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާފުޅި ނައްތާލައިފި އެވެ.

ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނީ އެ ތަކެތި ނައްތާލާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ދަރަވަންދޫ އިކޯ ސެންޓަރުގެ ގޯތި ތެރޭގައި ކަމަށެވެ. އެގޮތުން، ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 770 ފުޅި ބަނގުރާ އަދި 428 ދަޅު ބިޔަރު ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

ފުލުހުން ބުނީ، އެ އެ ތަކެއްޗަކީ މި އަހަރުގެ ޖަނަވަނީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެތި ކަމަށެވެ. އަދި އެއީ ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރާގެ މައްސަލައެއްގައި ދަރަވަންދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ 20 ލީޓަރުގެ ހަމެއްގައި ހުރި ބަނގުރާ ވެސް ހިމެނޭ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.