ބޮލީވުޑްގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދްވާނީގެ ކައިވެނީގެ ވާހަކަ އެވެ.

އެ ދެ ފަންނާނުން އަންނަ އަހަރު ކުރީކޮޅު ކައިވެނި ކުރުމަށް ޕްލޭން ކުރަމުން އަންނަ ކަމަށް މީގެ ކުރިން މީޑިއާގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. އެހެން ނަމަވެސް މިހާރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސިދާތު އާއި ކިއާރާ ކައިވެެނި ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހު އެވެ.

އެ ދެ މީހުންނާ ގާތް ބަޔަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ޑިސެމްބަރުގައި ކައިވެނިކުރަން ނިންމައި، އެކަމުގެ ތައްޔާރީތައް މިހާރު ވެސް ފަށާފައިވާ ކަމަށެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ސިދާތާއި ކިއާރާ ރަސްމީކޮށް އެއްވެސް ވާހަކައެއް ހިއްސާކޮށްފައިނުވެ އެވެ.

ސިދާތާއި ކިއާރާ ވަނީ ވަރަށް ކާމިޔާބު ފިލްމެއް ވެސް އެކީގައި ކުޅެފަ އެވެ. އެއީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯއި އިން ޕްރީމިއާކުރި "ޝޭރުޝާ" އެވެ.

މި ފިލްމަށް ފަހު ދެ ތަރިން ވަރަށް އަވަހަށް ލޯބީގެ ފިލްމެއްގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މީޑިއާތަކުން ދާދި ފަހުން ބުންޏެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ސެލެބްރިޓީ ގޮސިޕް ޝޯ، ކޮފީ ވިތު ކަރަންގެ ވަކިވަކި ދެ އެޕިސޯޑުގައި ބައިވެރިވެ، އެ މީހުން ޑޭޓްކުރާ ކަމަށް ވަނީ ފުރަތަމަ ފަހަރަށް އެއްބަސްވެފަ އެވެ.

ދިއްލީގައި އެމީހުން ކައިވެނިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްކުރިޔަސް މިކަމާ ގުޅިގެން އެ ތަރިން އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މިފަހުން އެކަމުގައި ސިދާތާ ސުވާލުކުރުމުން ބުނެފައި ވަނީ ވަގުތު ޖެހުމުން ކައިވެނިކުރާނެ ކަމަށާއި އެކަން އަންގާނެ ކަމަށެވެ.