އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓް، މިފެށޭ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ފާސް ކުރުމަށް އަމާޒު ހިފައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް މަޖިލީހުގެ ރައީސް ވަނީ ހިއްސާ ކުރައްވާފަ އެވެ.
ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރާނީ މާލިއްޔަތު ކޮމެޓީއާއި، އިގްތިސާދީ ކޮމެޓީ ގުޅިގެން އުފައްދާ ޖޮއިންޓް ކޮމެޓީއަކުންނެވެ.
ބަޖެޓުގެ މަސައްކަތް ކުރިއަށްގެންދާނެ ޓައިމްލައިން
- ނޮވެމްބަރު 1-7އަށް ބަޖެޓް ދިރާސާކުރުން
- ނޮވެމްބަރު 8ގައި ބަޖެޓް ބަހުސް ތަޅުމުގައި ފެށުން
- ނޮވެމްބަރު 11-16އަށް ބަޖެޓް ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދިއުން
- ނޮވެމްބަރު 17ގައި ކޮމެޓީ ރިޕޯޓް މަޖިލިސް ރައީސާއި ހިއްސާކުރުން
- ނޮވެމްބަރު 17-20އަށް ބަޖެޓަށް އިސްލާހު ހުށަހެޅުމުގެ އެންމެ ފަހު މުދަތު
- ނޮވެމްބަރު 21-23އަށް އިސްލާހުތަކާއިއެކު ބަޖެޓް ރިޕޯޓަށް ބަހުސް ކުރިއަށް ގެންދިއުން
- ނޮވެމްބަރ 30ގައި މަޖިލީހުން ބަޖެޓް ފާސް ކުރުން
މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ، އަންނަ އަހަރު ބަޖެޓް މަޖިލީހުން ފާސްކުރުމުގެ ކުރިން މެންބަރުން ބަޖެޓް މުތާލިޔާ ކުރައްވާއިރު ރާއްޖޭގެ މާލީ ހާލަތަށާއި، ދަރަންޏާއި، އިގްތިސޯދީ ހާލަތަށް ބެލުށްފަހު ބަޖެޓް މަޖިލީހުން ފާސްކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ. އަދި ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.