މީގެ 19 އަހަރު ކުރިން ސަރުކާރަށް ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް ސާމާނުތަކެއްގެ އަގުގެ ގޮތުގައި ދެ މިލިއަން ޑޮލަރު (32 މިލިއަން ރުފިޔާ) ސެންޓަ އެންޓަޕްރައިސަސްއަށް ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

ސެންޓަ އެންޓަޕްރައިސަސްއިން 2022 ވަނަ އަހަރު ދައުވާކުރީ 2007 ވަނަ އަހަރު ދައުލަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ހެލްތު މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް ސާމާނުގެ އަގާއި ޖޫރިމަނާއާއެކު ޖުމްލަ ފަސް މިލިއަން ޑޮލަރު ހޯދުމަށެވެ.

ސިވިލް ކޯޓާއި ހައި ކޯޓުން ހުކުމްކުރީ ޖޫރިމަނާ ފައިސާ އުނިކުރުމަށްފަހު ދެ މިލިއަން ޑޮލަރު ދައުލަތުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ ކަމަށެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ނިންމީ އެއީ ހިނގާފައިވާ މުއާމަލާތެއްކަން މަދަނީ މިންގަނޑުން ސާބިތުވާނެ ހެއްކެއް ނެތް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްތަކަށް މުދާ ފޯރުކޮށްދީ، ޖޮއިންޓް އިންސްޕެކްޝަން ޓެސްޓް ހަދާފައިވާކަން ސާބިތުވާނެ އެއްވެސް ލިޔުމެއް ނެތްއިރު, މުދަލާ ހަވާލުވި ފަރާތެއްގެ ނަމެއް ނުވަތަ ހައިސިއްޔަތެއް އަދި ތާރީހެއް ވެސް އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީއަށް ސެންޓަ އެންޓާޕްރައިސަސްއިން ހުށަހެޅި އެ ކުންފުނީގެ މާލީ ބަޔާންތަކުގައި ވެސް އެ މުއްދަތުގައި އެފަދަ ބޮޑު އަދަދެއްގެ ފައިސާ ލިބެންޖެހޭ ކަމަށް ބަޔާންކޮށްފައި ނުވާއިރު, އެ ކުންފުނިން ހުށަހެޅި ލިޔުންތަކުގައި އޮތީ އޭރު މެޑިކަލް ސާވިސްގައި މަސައްކަތް ނުކުރާ ފަރާތެއްގެ ނަމާއި ސޮއި ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ. އަދި މަސައްކަތް ހަވާލުކުރިކަން ސާބިތުކުރަން އެ ކުންފުނިން ހުށަހެޅި 2007 ވަނަ އަހަރުގެ ލިޔުމުގައި އޮތީ އޭރު ޓެންޑާ އިވެލުއޭޝަން ބޯޑަށް ކިޔާ ނަން ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންވެ، ސެންޓަ އެންޓަޕްރައިސަސްއިން ހުށަހެޅި އެއްބަސްވުމުގެ ދަށުން ތަކެތި ފޯރުކޮށްދީފައިވާކަން މަދަނީ މިންގަނޑުން ސާބިތުނުވާތީ, ސިވިލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝަހީދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އަދި އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަހީދެވެ.