އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ބަތަލާ ސަމަންތާ ރުތު ޕްރަބޫ "ބޮޑު" ބަޔަކަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.

މިހާރު ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ ސަމަންތާ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މަޔަސްޓައިޓިސް ކިޔާ އޮޓޯއިމިއުން ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

މަޔަސްޓައިޓިސް އަކީ ގައިގެ މަސްތަކަށް ކުރިމަތިވާ އިންފްލެމޭޝަން އެކެވެ. މި ބަލި ޖެހެނީ ވައިރަލް އިންފެކްޝަނަކާ ގުޅިގެން ނުވަތަ ކެވޭ ބޭހެއްގެ ސަބަބުން އޮޓޯއިމިއުން ސްޓޭޓަސް ގަ އެވެ. މި ބަލި ޖެހޭ މީހުންގެ ގައިގައި ހުންނަ މަސްތަކަށް އޭނާގެ ދިފާއީ ނިޒާމުން ހަމަލާދީ ހަލާކުކުރެ އެވެ.

މިބަލީގެ ކުރީގެ ކޮޅު ފަރުވާ ނުހޯދިއްޖެ ނަމަ ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ދެ އެވެ.

ސަމަންތާ ބުނީ އޭނާ އެ ބައްޔަށް ފަރުވާ ހޯދާތާ މިހާރު ދުވަސްކޮޅެއްވެފައިވާ އިރު، ކުރިން އުންމީދުކުރި ވަރަށް ވުރެ ފަރުވާ ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އެކަމަކު ވަރަށް އަވަހަށް އެއްކޮށް ރަނގަޅުވާނެކަމުގެ އުންމީދު ޑޮކްޓަރުން ވެސް ދީފައިވާ ކަމަށް ސަމަންތާ ބުންޏެވެ.

ސަމަންތާ ބުނި ގޮތުގައި ބައްޔަކާ ހަނގުރާމަ ކުރަން ޖެހުމަކީ މީހާ އެއްކޮށް މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އަދި ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އުނދަގޫ ދުވަސްތަކާއި ފަސޭހަ ދުވަސްތަކާ ކުރިމަތިވާނެ ކަމަށް ބުންޏެވެ.

"ބަލީގައި އުޅޭއިރު އެއްބައި ދުވަސް ވަރަށް ރަނގަޅުކޮށް ދާނެ. އަނެއްބައި ދުވަސްތައް ދާނީ ވަރަށް ގޯސްކޮށް. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރަށް ފުން އަސަރުތަކެއް މިކަމުގެ ސަބަބުން ކުރަމުންދޭ،" ހޮސްޕިޓަލެއްގައި އައިވީއެއް ގުޅައިގެން އިންދާ ނަގާފައިވާ ފޮޓޯއަކާއެކު ކޮށްފައިވާ ޕޯސްޓްގައި ސަމަންތާ ލިޔަފައިވެ އެވެ.

އުމުރުން 35 އަހަރުގެ ސަމަންތާ އެޕޯސްޓްގައި އިތުރަށް ބުނެފައިވަނީ މިމަހު 11 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އޭނާގެ ފިލްމު "ޔަޝޯދާ"ގެ ޓްރެއިލާއަށް ފޭނުން ދެމުން އަންނަ ލޯތްބަށް ޝުކުރު ވަނީ އަދާކޮށްފަ އެވެ.

ސަމަންތާ އަކީ ދާދި ފަހުން ރިލީޒްކުރި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ގެ ރޯލެއް ކުޅުނު ތެލެގޫ އެކްޓަރު ނާގަ ޗައިތަނިއާގެ ކުރީގެ އަންހެނުންނެވެ. މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނީގެ ދަރިފުޅާއި ސަމަންތާ 2017 ގައި ކުރި ކައިވެނި ރޫޅައިލީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ސަމަންތާ އަށް ވަނީ ބޮލީވުޑްގެ ތަރި ވަރުން ދަވަނާ އެކީ އެކީ އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެން އިންޑިއާ" ކުޅެން ވެސް ލިބިފަ އެވެ.

ސަމަންތާ އަށް މަޔަސްޓައިޓިސް ޖެހިފައިވާކަން އިއުލާން ކުރުމާ ގުޅިގެން އޭނާއާ އެކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަންނާނުންނާއި ފޭނުން ވަނީ އޭނާއަށް އަވަސް ޝިފާއަށް އެދި މެސެޖުތައް ކޮށްފަ އެވެ.