ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާ އިން ރާއްޖެ އަށް ނަސްރު ލިބުނީ ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ 34 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ހިތާބެއްގައި ވިދާޅުވީ، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމު ދިފާއުކުރުމަށް، ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިން ކަމަށެވެ. އެ ދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރުން ދިވެހި އަސްކަރިއްޔާ އަށް ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ވެސް ބޮޑުވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ނަސްރުގެ ދުވަހުގެ ހަނދާންތަކުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދޭ. އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށް ވެސް، މާތް ﷲގެ މަދަދާއި ނަސްރުން ކާމިޔާބު ދެއްވާނެ. އަނެއް ކަމަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ ގާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ގައުމު ބޭނުންވާ ކަމަށާއި އަދި، ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށް ވިދާޅުވި އެވެ.

"ތިނެއް ނޮވެންބަރުގެ އުދުވާނީ ޙަމަލަޔާއެކު ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި. އަޅުގަނޑުމެންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔަ. ކުށެއް ނެތް ދިވެހި އަޚުންތަކެއް ޝަހީދުވުމުން، އަޅުގަނޑުމެންގެ ހިތްތައް ޒަޚަމްވެ ކުދިކުދިވެގެން ދިޔަ. ނަމަވެސް، މާތް ﷲގެ ނަޞްރާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަޤީންކަން ފަނޑުވެގެންނެއް ނުދޭ،" ރައީސް ވިދާޅުވި އެވެ.

"އެ ދުވަހު ދިވެހިންނަށް އެކަލާނގެ ދެއްވި މަތިވެރި ނަސްރުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަސްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެގޮތުގައި ސާބިތުވެ ތިބުމުގެ ޢަޒުމް އައުކުރުން. ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫޙު މުޅި ޢަސްކަރިއްޔާގައި ދެމެހެއްޓުމަށް، ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުން ވެސް މަސައްކަތް ކުރުން."

ރައީސް ވިދާޅުވީ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމު ދިފާޢުކުރުމަށް، ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިން ކަމަށެވެ. އަދި މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަސްލަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި މި ވަތަނާ މެދު އޮތް ގައުމީ ލޯބި. ދިވެހި ސިފައިންގެ ހަކަތައަކީ، ދިވެހި އަސްކަރިއްޔާއާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން. ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ބިރާއި ސިހުމަކީ، ދިވެހިންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަން،" ރައީސް ވިދާޅުވި އެވެ.