އދ. ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިސްރުގެ ޝަރްމުއްޝައިޚަށް މިއަދު ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނެނީ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27) ގެ 27 ވަނަ ސެޝަނާއި ކިޔޯޓޯ ޕްރޮޓޮކޯލް (ސީއެމްޕީ17) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 17 ވަނަ ސެޝަނާއި ޕެރިސް އެގްރީމެންޓް (ސީއެމްއޭ4) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ ހަތަރު ވަނަ ސެޝަނެވެ.

ކޮންފަރެންސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު 6، 2022 ވާ އާދީއްތަ ދުވަހު ޝަރްމުއްޝެއިޚް އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގަ އެވެ.

ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެކެވެ. މި ކޮންފަރެންސްގައި، ނައިބު ރައީސް، މި ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވެ އެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ހައްގުގަ އާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަކާލާތުކުރައްވަމުން އަންނަ ކަންކަމާއި އެއްގޮތްވާގޮތުގެ މަތިން އެމަނިކުފާނު 2019 ވަނަ އަހަރު ވަނީ ދިވެހިރާއްޖެއިން 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން އިޢުލާނުކުރައްވާފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ވިލުންތެރިކަން އިތުރުކުރުމުގައި ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ކުރިމަތިވާ މާލީދަތިތަކަށް ހާއްސަ ސަމާލުކަމެއްދީގެން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ރާއްޖެއިން ވަނީ ގިނަ ގައުމުތައް އެކުވެގެން އުފައްދާފައިވާ މުއައްސަސާތަކުގައި ބައިވެރިވުމުން ފެށިގެން ގައުމީ ފެންވަރުގެ ހަރަކާތްތައް ހިންގައި މިރޮނގުން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.