އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ހުއްޓުވަން ފިޔަވަޅެއް ނާޅާނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ސަރުކާރު އޮތް އެމްޑީޕީއާ މެދު އަމަލުކުރި ގޮތް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހަނދާންކޮށްދެއްވައިފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ އިންތިހާބާ ގުޅިގެން ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވަނީ އެ އިންތިހާބު ކުރިޔަށް ގެންދާތީ މަރުހަބާ ވިދާޅުވެފަ އެވެ.

"ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސް ސޯލިހު ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް. މީގެ ފަސް އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތު. ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުން،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް އެހެން ވިދާޅުވީ އެމްޑީޕީން 2018 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދަނިކޮށް ފުލުހުން ފޮނުވައިގެން އޭރުގެ ސަރުކާރުން އެކަން ހުއްޓުވި އެވެ.

ސަރުކާރުން އޭރު ބުނީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދާ މީހަކަށް ޕާޓީގެ ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އޭރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދެވީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

މިއީ ޕީޕީއެމް/ ޕީއެންސީއިން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބެވެ.

މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 10:00 އިން ފެށިގެން ވޯޓު ލުން ކުރިޔަށް ގެންދިޔައީ ހަވީރު 4:00 އަށެވެ. މިގޮތުން، މި އިންތިހާބުގައި މާލޭގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަށް ވޯޓުލުން ކުރިޔަށް ގެންދިޔައީ ހެންވޭރު ދަނޑުގަ އެވެ.