ޒަކާތު ނަފާ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވައްސާއެކު 96 ރަށަކުން ފަގީރުކަން ނައްތާލެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޒަކާތު ނަފާ ޕްރޮގްރާމް ޓްރައި ޕާޓީ ފަހުމުނަމާގައި ސޮއިކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ޒަކާތު ނަފާ ޕްރޮގްރާމް ފެށުމަށް އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މަސައްކަތްކުރާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި މިކަމުގައި ވިސްނުން ބެހެއްޓީ ޒަކާތު ފަންޑުގެ ފައިސާ ފަގީރުންނަށް ދިނުމުގައި މިހާރަށްވުރެ ބިނާކުރަނިވި ގޮތަކަށް މިކަން ކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދެ މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގާ އެގްރޯނެޓްގެ ޓީމާއި ބީސީސީއާއި، އެހެނިހެން ކުންފުނިތަކާއި އެއްކޮށް މަސައްކަތްކުރަމުން މިދިޔައީ ދިވެހިރާއްޖޭގައި ފަގީރުންގެ އެ ލިސްޓު އެއްކޮށް ހުސްކޮށްލެވޭނެ ގޮތަކީ ކޮބައިތޯ؟ ފަގީރުން ރާއްޖޭގައި ނުތިބޭނެ ގޮތެއް ހޯދުމަކީ އަޅުގަނޑުމެންގެ އަމާޒަކީ. އެހެންވީމަ އެކަމުގައި ދައުލަތަށް ކީއްތޯ ކުރެވޭނީ އަދި ޒަކާތު ފައިސާ އެކަން ހާސިލުކުރަން ބޭނުންކުރާނީ ކިހިނެތްތޯ،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިކަމުގައި އެންމެ ބޮޑަށް ބެލީ ރާއްޖޭގައި އޮތް ފަގީރުންގެ ލިސްޓުން މީހުން މަދުކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އަދި ރަށްރަށުގައި ތިބި ފަގީރުންނަށް އެހީތެރިވެދީ، އެމީހުން އަމިއްލަ ފައި މައްޗަށް ތެދުވާން އެހީތެރިވުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ކައުންސިލްތަކާ ވެސް މަޝްވަރާކުރެއްވި ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މައިގަނޑު ބޭނުމަކީ ފައިސާއެއް ދީފައި އެ ހާހިސާބުން ދޫކޮށްލުން ނޫން ކަމަށާއި ފައިސާ ދީފައި އޭގެ އަސްލު ބޭނުމާއި ހަމައަށް ދެވެން ދެން އެކަމުގައި ސަރުކާރުން އެހީތެރިވެދޭނެ ކަމަށެވެ. އަދި ފަގީރުކަމަކީ އިޖްތިމާއީ ގިނަ މައްސަލަތަކަކާ ގުޅިފައިވާކަމެއްކަމަށާއި ފަގީރުކަން ނައްތާލެވެނީ އިގްތިސާދީ ގޮތުން ފުދުންތެރިކަން އައިސްގެން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަނޑައެޅި 10 ގޭބީސީއަށް ވުރެ އިތުރުނުވާ ގޮތަށް ހުރި ރަށްރަށް ފާހަގަކޮށް މި ޕްރޮގްރާމް ފަށަން. އޭރުން 96 ރަށެއް އެބަ ކަވަރުކުރެވޭ. އަމާޒަކީ ފުރަތަމަ ފިޔަވަހީގައި މި 96 ރަށަށް އަމާޒުކޮށްގެން މި ޕްރޮގްރާމް ހިންގާ ނިމޭއިރު 96 ރަށުގައި ފަގީރުންނެއް ނުތިބޭނެ. ދެވަނަ ފިޔަވަހީގައި 46 ރަށަކަށް އަމާޒުކުރާނެ. މައިގަނޑު ބޭނުމަކީ އެފަދަ ފަރާތްތަކަށް ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ފަގީރުން އެ ހާލަތުން އެހެން ހާލަތަކަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ވަރަށް ބުރަކޮށް ކުރި މަސައްކަތަކުން ގާއިމްކުރެވުނު ޕްރޮގްރާމެއް ކަމަށާއި އަމާޒަކީ ވީހާވެސް އަވަހަށް މިކަން ފެށި، މިކަމުގެ ފައިދާކުރުން ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ހާލަތު ރަނގަޅު ހިސާބަކަށްދާ ފަރާތްތަކަށް ސަރުކާރުން ވިޔަފާރިވެރިންނަށް ހިންގާ ސްކީމެއްގެ ތެރެއިން އިތުރަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށްދިއުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.