ކަލާސް ޓީވީ އިން ދައްކާ ބިގްބޮސް 16ގެ ކުރިއަށް އޮތް އެޕިސޯޑުގައި ވެސް ތަފާތު "ޑްރާމާތަކެއް" ވަނީ ފެނިފަ އެވެ. އެގޮތުން މި ހަފްތާގައި "ބިގްބޮސް"ގެ ކެޕްޓަން ކަމަށް އަބްދު ރޯޒިކް ބައިވެރިން ވަނީ ހޮވާފަ އެވެ.

އަބްދު "ބިގްބޮސް"ގެ ތެރޭގައި ކަންތައްތައް ބައިވެރިން މެދުގައި ވަރަށް ރަގަޅަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ނަމަވެސް އަރްޗަނާ ގޯތަމް އާއި ދެމެދު ވަނީ ޒުވާބުތަކެއް ގޮސްފަ އެވެ.

މި ސީޒަންގެ އެންމެ ރަގަޅަށް މަސައްކަތްތައް ކުރި ކެޕްޓަންގެ މަގާމު އަބްދުއަށް ލިބިފައިވާއިރު އޭނާއަށް ބިގްބޮސް ވަނީ ހާއްސަ އިނާޔަތެއް ދީފަ އެވެ. އެއީ މިހަފްތާގެ އެލިމިނޭޝަން އިން ބައިވެރިންތަކެއް ސަލާމަތްކުރުމުގެ ފުރުސަތު އެވެ. މި ފުރުސަތުގެ ބޭނުން ހިފައި އަބްދު ވަނީ އޭނާގެ އެންމެ ގާތް އެކުވެރިން އެލިމިނޭޝަނުން ސަލާމަތްކޮށްފަ އެވެ.

އަބްދު އެލިމިނޭޝަންއިން ސަލާމަތްކޮށްފައިވާ ބައިވެރިންނަކީ ސާޖިން ޚާން އާއި އެމްސީ ސްޓޭން، ނިމްރިތު ކައުރު އަހުލުވާލިއާ އަދި ޝިވް ތަކަރޭ އެވެ.

މިދިޔަ ހަފްތާގައި އެއްވެސް ބައިވެރިޔަކު "ބިގްބޮސް" ގެއިން ބޭރުވެފައިނުވާއިރު، މިހަފްތާގައި ދެ ބައިވެރިޔަކު ގެއިން ބޭރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިހަފްތާގައި ވެސް ވަނީ އެލިމިނޭޝަންއަށް ތަފާތު މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ބިގްބޮސްގެ އޮފިޝަލް ޓްވިޓާ އިން ޕޯސްޓު ކޮށްފައިވާ ވީޑިއޯއެއްގައި ފެނިގެންދަނީ އެލިމިނޭޝަންއިން ބައިވެރިން ސަލާމަތް ކުރުމަށް ފިނިފެން މަލެއް ދޭ ތަނެވެ. އެންމެ ގިނަ ފިނިފެންމާ ލިބޭ ބައިވެރިން އެލިމިނޭޝައިން ސަލާމަތްވާއިރު އެންމެ މަދުން ފިނިފެންމާ ލިބޭ ބައިވެރިން މިހަފްތާގައި އެލިމިނޭޝަންއަށް ދާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިޔަންކާ އާއި ސުމްބުލް އަދި ގޯރީ ވަނީ ނޮމިނޭޓްވެފަ އެވެ.

މި ހަފްތާގައި ނޮމިނޭޓް ވާދަވެރިންގެ ތެރެއިން ގެއިން ބޭރަށް ނުކުންނާނީ ކޮންބައެއް ހެއްޔެވެ؟ މިހަފްތާގައި ގެއިން ބޭރުވާނެ ބައިވެރިން އިނގޭނީ މިހަފްތާ ބަންދުގައި ގެނެސްދޭ އެޕިސޯޑްނެވެ.