ޑިއާގޯ ގާސިއާގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ފޯޅަވައްސަކީ ރާއްޖޭގެ ދެކުނުގައި އޮތް އަތޮޅެއްގެ ރަށްތަކުގެ ތެރެއިން ރަށެކެވެ. މިރަށަކީ މިވަގުތު އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގުމަށް އިނގިރޭސި ވިލާތުން ކުއްޔަށް ނަގާފައިވާ ރަށެކެވެ.
ފޯޅަވަހި އިނގިރޭސި ވިލާތަށް ލިބުނީ ކިހިނެއް؟
އިންޑިއާ ކަނޑަށް ޔޫރަޕުން ފުރަތަމަ އައީ ޕޯޗުގީޒުންނެވެ. އެ މީހުންގެ ދަތުރުތަކުގައި ފޯޅަވަހި ފާހަގަކުރެވިފައިވީ ކަމަށް ވިޔަސް އެ ރަށަށް އަރައި އެރަށުގެ ސިޔާދަތާ ބެހިފައެއް ނުވެ އެވެ. އެދުވަސްވަރު އެރަށް އޮތީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަން އޭރުގެ ލިޔުންތަކުން އެނގެ އެވެ.
18 ވަނަ ގަރުނުގެ ކުރީކޮޅު ފަރަންސޭސިން ފޯޅަވައްސާއި އެ ހިސާބުގެ އެހެން ރަށްތައް މިލްކުކޮށް، ދިވެހި ރުއް ހެއްދުމާއި އެ ރުކުން ނަފާ ހޯދުމުގެ މަސައްކަތަށް އެފްރިކާގެ ގައުމުތަކުން އަޅުން ގެންދިޔަ އެވެ. އޭރު އެ ރަށްތަކުގައި އެއްވެސް ބަޔަކު ދިރިނޫޅެ އެވެ.
ނެޕޯލިއަން ބަލިކޮށް އިނގިރޭސިން ފްރާންސްގެ މައްޗަށް ކުރި ހޯދި ހަނގުރާމައަށް ފަހު ފޯޅަވަހި ހިމެނޭ ގޮތުން އެ ހިސާބުގަނޑުގެ ރަށްތައް އިނގިރޭސިންނަށް ލިބުނެވެ.
އެ ރަށްތަކުގައި އެދުވަސްވަރު ކޮށް އުޅުނު މަސައްކަތަކީ ކޮފުރާ ހެދުމާއި ކާށި ތެޔޮ ހޭނުން ފަދަ ދިވެހި ރުކުން ލިބޭ ނަފާ ހޯދުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރުމަށް ގެންގުޅުނު މަސައްކަތު މީހުންނަކީ އެފްރިކާގެ ބައެއް ގައުމުތަކުން ގަނެގެން ގެންދިޔަ އަޅުންނެވެ.
ފޯޅަވަހީގައި ވަޒަންވެރިވީ ކޮންބައެއް؟
ބައިނަލް އަގުވާމީ ގޮތުން ދުނިޔޭގައި އަޅުން ގެންގުޅުން މަނާ ކަމަކަށްވުމާއެކު ފޯޅަވައްސާއި އެ އަތޮޅުގެ އެހެން ރަށްރަށުގައި މަސައްކަތް ކުރުވުމަށް ގެންގޮސް ތިބި އަޅުން މިނިވަނުންނަށް ވި އެވެ. އެ ހިސާބުން އެ މީހުންނަކީ އިނގިރޭސިންގެ މަސައްކަތު މީހުންނެވެ. މަސައްކަތު މީހުނަށް ބޯހިޔާވަހިކަމާއި ކެއިން ބުއިމާއި މުސާރަ ދޭން ޖެހޭ އާދައިގެ މަތިން އެމީހުންނަށް ވެސް އެރަށްތަކުގައި ދިރިއުޅޭނެ ގޮތް އޮތީ ފަހިވެފަ އެވެ.
އެ މަސައްކަތު މީހުންނަކީ އެފްރިކާގެ ގައުމުތަކުން ގެންދިޔަ އަޅުންކަމުގައިވުމުން އެމީހުނަށް މިނިވަންކަން ލިބުނެއް ކަމަކު އެނބުރި ދާނެ ވަކި ވަޒަނެއް ނުވެސް ނެތްމެ އެވެ. އެގޮތުން އެ މީހުން އޮތީ އިނގިރޭސިންނަށް ބަލަދު އަރާ ބަޔަކަށްވެފަ އެވެ. 1966 ގައި އެ ރަށްތަކުގެ މުޅި އާބާދީއަކީ ގާތްގަނޑަކަށް 900 މީހުންނެވެ.
މޮރިޝަސް އާ ފޯޅަވައްސާ އޮތީ ކޮން ގުޅުމެއް؟
ޔޫރަޕުގެ މީހުން އިންޑިއާ ކަނޑަށް އައިއިރު މޮރިޝަސްއަކީ ވެސް ފަޅު ތަނެކެވެ. އެތަނުގައި އެއްވެސް ބަޔަކު ނެތެވެ.
ހުޅަނގުގެ އިސްތިއުމާރުން މޮރިޝަސްއަށް އަރައި އެތަނުގައި ވެސް ތަފާތު މަސައްކަތްކުރުމަށް މީހުން ގެންދިޔަ އެވެ. މޮރިޝަސް ބޮޑުވެފައި އެތަނުގައި މަސައްކަތް ކުރަން ގެންދިޔަ މީހުންގެ އާބާދީ ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގައި އިނގިރޭސިންގެ ދަށުގައި ހުރި ޖަޒީރާތައް ހިންގުމުގެ މައި އިދާރާއަކަށް ވެފައި އޮތީ މޮރިޝަސް އެވެ. އޭރު މޮރިޝަސް އަކީ އިނގިރޭސިންގެ ތަނެކެވެ.
އިދާރީ ގޮތުން މޮރިޝަސްގެ ދަށުން ހިންގަމުން ދިޔަ ކަމުގައި ވިޔަސް މޮރިޝަސްއަކީ ފޯޅަވަހި ހިމެނޭ ޗާގޯސްގެ ރަށްތަކާ ޖޯގްރަފީ ގޮތުން ވަކިން މާދުރުގައި އޮތް އެފްރިކާގެ ގައުމެކެވެ. ފޯޅަވަހި އެއަތޮޅެއްގައި ހިމެނޭ ޗާގޯސްގެ ރަށްތަކަކީ ދިވެހި ރާއްޖޭގެ ކައިރީގައި ތިބި އޭޝިޔާގެ ރަށްތަކެކެވެ.
އިނގިރޭސިން މޮރިޝަސް އަށް މިނިވަންކަން ދިން އިރު ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ބައެއް ކަމުގައެއް ނުބަލަ އެވެ. އެ ރަށްތައް ހިމެނިފައި އޮތީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގަ އެވެ
އެމެރިކާގެ ހަނގުރާމަ މަތީ މަރުކަޒެއް ފޯޅަވަހީގައި ހެދުމަށް އެރަށް އެމެރިކާއަށް ކުއްޔަށް ދިނުމާ ވިދިގެން ފޯޅަވައްސާ އެ އަތޮޅުގެ އެހެން ރަށްތަކުގައި ތިބި 900 ވަރަކަށް މަސައްކަތު މީހުން ބަދަލުކުރީ މޮރިޝަސް އަށާއި ސީޝެލްސް އަށާއި އިނގިރޭސި ވިލާތަށެވެ .
މޮރިޝަސް އިން ދެކޭ ގޮތުގައި އިސްތިއުމާރުގެ ދުވަސްވަރު ޗާގޯސްގެ ރަށްތައް މޮރިޝަސްގެ ދަށުން ހިންގައިފައި ވާތީ އެރަށްތަކުގެ މިލްކުވެރިކަން އޮންނަން ޖެހެނީ އެ ގައުމަށެވެ.
ފޯޅަވަހި މިހާރު އޮތީ ކޮންބައެއްގެ ދަށުގައި
ފޯޅަ ވަހި މިވަގުތު އޮތީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އެއްގެ ގޮތުގަ އެވެ. އެރަށް ހޯދުމަށް މޮރިޝަސް އިން ކުރަމުންދާ މަސައްކަތް އަދި ނުނިމެ އެވެ. މި މައްސަލައިގައި ދަހޭގުގައި ހުންނަ ބައިނަލްއަގުވާމީ ކޯޓުން ނެރެފައި ވަނީ އަމަލުކުރަން މަޖުބޫރު ނުވާ ލަފައެކެވެ. އެ ލަފާގައި ވަނީ މޮރިޝަސް އަށް ޗާގޯސްގެ ރަށްތަކުގެ މިލްމުވެރިކަން އޮންނަން ޖެހޭނެ ކަމަށް ފެންނަ ކަމަށެވެ.
އައިސީ ޖޭއިން ނެރުނު ލަފަޔާ ގުޅިގެން އދ. ގައި ނެގި ވޯޓުގައި ގިނަ ބަޔަކު ވޯޓު ދިނީ މޮރިޝަސް އާ އެއްކޮޅަށެވެ. ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިންގެ ކޮޅަށެވެ. އދ. ގެ އާންމު މަޖިލީހުގައި ނަގާ މިފަދަ ވޯޓުތަކަކީ ވެސް އެވޯޓުގެ ނަތީޖާ އަށް ގާނޫނީ ބުރަދަނެެއް ލިބޭ އެއްޗެއް ނޫނެވެ.
ފޯޅަވައްސާ ރާއްޖެއާ އޮތީ ކޮން ގުޅުމެއް؟
އިންޑިއާގެ ގޯއާ އިން އައި ޕޯޗްގީޒުން ރާއްޖެ ހިފުމާ ހަމައަށް ފޯޅައްސާ އެއަތޮޅުގެ އެހެން ރަށްތައް އޮތީ ދިވެހި ރަސްކަމުގެ ދަށުގައި ކަން ތާރީޚީ ގޮތުން ސާބިތުވެ އެވެ. ޕޯޗްގީޒުން ރާއްޖެ ފޮނުވައި އިންޑިއާގައި ހުންނަވައިގެން އެމަނިކުފާނުގެ ނަންފުޅަށް ދިވެހި ގައުގެ ވެރިކަން ޕޯޗުގީޒުން ލައްވައިކުރުވި ނުވަވަނަ ހަސަން ރަސްގެފާނު އެމަނިކުފާނުގެ ގައުމު ސިފަކޮށްދެއްވައި ޕޯޗްގީޒު ސަރުކާރަށް ފޮނުއްވި ލިއުމަކީ މިފަދަ އެއް ލިޔުމެވެ. އެ ލިޔުމިގައި ވާގޮތުން ފޯޅަވަހި އަތޮޅޮޅަކީ ރާއްޖޭގެ ބައެކެވެ.
ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވިއިރު ވެސް އެ ރަށްތަކަކީ ދިވެހިންގެ ރަށްތަކެއްކަމާއި އެހެން ނަމަވެސް ޖިންނީންގެ އުނދަގުލާ ހެދި ދިރިއުޅުމަށް އުނދަގޫވެ ފަޅުވެފައި އޮތް ކަން އެނގެ އެވެ. ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށް ދެއްވި ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ރަސްކަމުގައި ވެސް އެރަށް އޮތީ ދިވެހި ފަޅު ރަށެއްގެ ގޮތުގަ އެވެ.
ކަލާފާނުގެ ރަސްކަމުގައި ރާއްޖޭގައި އުޅުނު ފަރަންސޭސި ލިއުންތެރިޔާ ޕިރާޑުގެ ލިޔުންތަކުން މިކަން ސާބިތުވެ އެވެ. ޕިރާޑު ލިޔެފައިވާ ގޮތުގައި މޮޅު ފަންޑިތަ ވެރިން ހިމެނޭ ވަފުދެއް ފޯޅަވައްސަށް ކަލާފާނު ފޮނުއްވި އެވެ. އެހެން ނަމަވެސް އެ މީހުންނަށް އެދަތުރުގައި އެރަށް ދެވޭ ގޮތެއް ނުވި އެވެ.
ރާއްޖޭގެ ތާރީޚުން އެނގޭގޮތުގައި ކުރީ ޒަމާނުގައި މީހުން އުޅޭ ރަށްތައް ފަޅުވުމަކީ ހިނގާ ކަމެކެވެ. އޭގެ ސަބަބެއް ކަމުގައި ގިނަ ފަހަރަށް ވެފައި އޮންނަނީ ރޯގާ ބަލި މަޑުކަމުގައި މީހުން މަރުވާން ފެށުމެވެ. އޭރުގެ ހޭލުންތެރިކަން އޮންނަ މިންވަރުން މި ބާވަތުގެ ބަލިމަޑުކަން ގުޅުވައިފައި އޮންނަނީ ޖިންނި ޝައިތާނުންނާ އެވެ. ބެލެވޭ ގޮތުގައި ފޯޅަވަހި ވެސް ފަޅުވީ އެފަދަ ހާލަތެއްގަ އެވެ. ފޯޅަވަހި މިފަދަ ގޮތަކަށް ފަޅުވި ކަން ސާބިތުވާ ތާރީޚީ ހެކި ދެކުނުގެ އަތޮޅުތަކުން ލިބެން އެބަހުއްޓެވެ.
ފޯޅަވަހީގެ މައްސަލައިގައި ދިވެހިންނަށް ކުރެވޭނީ ކޮން ކަމެއް؟
ފޯޅަވަހި ހިމެނޭ އަތޮޅަކީ ތާރީޚީ ގޮތުންނާއި ޖޯގްރަފީގެ ގޮތުން ދިވެހި ރާއްޖޭގެ ބައެއްކަމަށް ވާއިރު އިނގިރޭސި އިސްތިއުމާރުން އެ އަތޮޅު ދޫކޮށްލާނަމަ ހަވާލުކުރަން ޖެހޭނީ ދިވެހިންނާ ކަމުގައި ދިވެހި ސަރުކާރުން ވަކާލާތު ކުރަން ޖެހެ އެވެ. ޖޯގްރަފީ ގޮތުން ވެސް ތާރީޚީ ގޮތުން އެ އަތޮޅާ އެއްވެސް ގުޅުމެއް ނެތް މާދުރުގައި އޮތް މޮރިޝަސްއަށް ފޯޅަވަހި އަތޮޅު ދޭން ޖެހޭ ކަމަށް ދިވެހި ސަރުކާރުން ބުނެގެން ނުވާނެ އެވެ.
ރާއްޖެއިން ފޯޅަވަހި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ލިބިފައި އޮތް ވަގުތު ދަނީ ކުޑަތަން ވަމުންނެވެ. ދިވެހި ސަރުކާރުން އެކަމާ އަޅާ ނުލައި އޮއްވާ އެފްރިކާގެ ކުޑަ ގައުމަކުން އައިސް ރާއްޖޭގެ ސަރަހައްދުގައި ކަޑަ ޖަހައި އިގުތިސާދީ ސަރަހައްދުގެ ތެރެއަށް އަތްގަދަ ކޮށްލަނީ އެވެ. ދުނިޔޭ ބޮޑު ދެ ބައްރު ކަމަށްވާ އެފްރިކާ އާއި އޭޝިއާ އަށް އެ ގައުމުގެ އިން ދަމާލަނީ އެވެ. ދިވެހި ސަރުކާރު ނިދިން ހޭލަން ޖެހިއްޖެ އެވެ.
100 ޕަސެންޓް ރާއްޖޭގެ އަތޮޅެއް، އެތަން، ހޯދަން ދިވެހިން ޖެހޭނެ ހުރިހާ ކަމެއްކުރަންޖެހޭ އެއީ ވަރަށްބޮޑު މަސް ކަޑެއް މަހުގެ ބޮޑު ރިޒާވެއް އޮތްތަނެ އެހެންވީމާ އެތަން ހުރިހާ މީހުން ބޭނުންވެގެން އުޅެނީ !