ސިންގަޕޫރު (14 ޑިސެމްބަރު)- ކޮވިޑް-19 އަށް ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ވެކްސިން ސިންގަޕޫރުގައި ބޭނުންކުރުމުގެ ހުއްދަ ދީފި އެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫން އެގައުމުގެ ރައްޔަތުންނާ މުހާތަބުކުރައްވައި ދެއްވި ހިތާބެއްގައި ވިދާޅުވެފައިވަނީ ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް ސިންގަޕޫރުން ބަލައި ދިރާސާކޮށްފައިވާ ކަމަށާއި ވެކްސިންގެ ނަތީއްޖާތައް ރަނގަޅުވުމުން ސިންގަޕޫރުގައި ވެކްސިން ދިނުމުގެ ހުއްދަ އެގައުމުގެ ހެލްތް ސައިންސެސް އޮތޯރިޓީން ދީފައިވާ ކަމަށެވެ. އަދި ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި ގެނެވޭނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވިގޮތުގައި ހެލްތް ސައިންސެސް އޮތޯރިޓީއިން ވަނީ ވެކްސިން ދިނުމުގެ ކަންކަން ކުރުމަށް ހާއްސަ ކޮމިޓީއެއް އުފައްދާފަ އެވެ. މި ކޮމިޓީގައި ހިމެނެނީ ޑޮކްޓަރުންނާއި އަދި ހެލްތް އެކްސްޕާޓުންނެވެ.

މި ކޮމިޓީއިން ނިންމާފައިވާ ގޮތުގައި ވެކްސިން އެންމެ ފުރަތަމަ ދޭނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި، ސިއްހީ ހިދުމަތްތެރިންނާއި އަދި އުމުރުން ދުވަސްވީ މީހުންނާއި، ކްރިޓިކަލް ހާލަތްތަކުގައި ތިބި ފަރާތްތަކަށެވެ.

އެންމެ ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ތެރޭގައި ސަރުކާރުގެ މިނިސްޓަރުންނާއި އަދި އިސްވެރިން ހިމެނޭނެ ކަމަށާއި މި ކަމުގެ މަގްސަދަކީ ވެކްސިނަކީ ރައްކާތެރި އެއްޗެއްކަން ރައްޔަތުންނަށް އަންގައިދިނުން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ވެކްސިން ދިނުމުގައި ކަނޑައަޅާފައިވާ އިތުރު އުސޫލުތަކުގެ ތެރޭގައި، ސިންގަޕޫރުގެ ހުރިހާ ރައްޔަތުންނާއި ދިގު މުއްދަތަކަށް ސިންގަޕޫރުގައި ތިބި އެހެން ފަރާތްތަކަށް ވެކްސިން ހިލޭ ލިބޭނެ އެވެ. އަދި ވެކްސިން ޖެހުމަކީ އެ މީހަކު ބޭނުންނަމަ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ނިންމާފައިވެ އެވެ. އަދި މީގެ އިތުރުން ދެން ތިބި މީހުންނަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވެކްސިން ދިނުން ކުރިއަށް ގެންދާނެ އެވެ. ކޮންމެ މީހަކަށްވެސް ވެކްސިން ގެ ދެ ޑޯޒް ދެވޭނެ އެވެ.

ފުރަތަމަ ޑޯޒް ވެކްސިން ދެވޭތާ 21 ދުވަސް ފަހުން ދެވަނަ ޑޯޒް ދެވޭނެ އެވެ.

ބޮޑު ވަޒީރު ވިދާޅުވި ގޮތުގައި ވެކްސިން އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އަދި ހުރިހާ އެންމެން ވެސް ވެކްސިން ޖެހުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަބަބަކީ ވެކްސިން ޖެހުމުން އެކަމުގެ ފައިދާ ވަނީ ހަމައެކަނި އެ މީހަކަށް ނޫން ކަމަށާއި އެކަމުގެ ސަބަބުން އެހެން މީހުންނަށް ބަލިޖެހުމުގެ ފުރުސަތު ވެސް ކުޑަވެގެންދާނެ އެވެ. – ޗެނެލް ނިއުސް އޭޝިއާ