މާލޭގެ މެދުޒިޔާރަތުގައި އިހު ހުރި ގޮތަށް އަލުން ދިދަ ނަގަން މި ސަރުކާރުން ފަށައިފި އެވެ.
ގާތްގަނޑަކަށް 30-35 އަހަރުގެ މެދުކެނޑުމަކަށް ފަހު މެދުޒިޔާރަތުގައި ދިދަ ނަގަން ފެށީ އިއްޔެ އެވެ. އެ ޒިޔާރަތުގައި ހުރި ދިދަ ދަނޑިތަކުގައި މިހާރު ހުރީ ރާއްޖޭގައި އެންމެ އިހުޒަމާނުގައި ވެސް ހުންނަ ގޮތަށް ހުދު ދިދަ ނަގައިފަ އެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ އޮފިޝަލަކު "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ މެދުޒިޔާރަތުގައި އަލުން ދިދަ ނަގަން ފެށީ މާލޭގައި ހުރި އާސާރީ ތަންތަން ކުރީގައި ހުރި ގޮތަށް އަނބުރާ އިއާދަކޮށް، ދިވެހި ސަގާފަތާއި ތާރީހު ދެމެހެއްޓުމަށް އެ މިނިސްޓްރީއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
"އިހު ހުރި އާސާރުތަކުގެ ތެރެއިން މާލޭގައި ފެންނަން މި ހުރީ މަދު ތަނެއް. އެފަދަ ތަންތަން ކުރިން ވެސް ހުރި ގޮތަށް ރީސްޓޯ ކުރުމަކީ މިނިސްޓްރީގެ އަމާޒެއް. ދިވެހިންގެ ތެރޭގައި، ޒުވާނުންގެ ތެރޭގައި ދިވެހި ތާރީހަށް ސަގާފަތަށް އޮންނަ ލޯބި އިތުރުކުރުން މީގެ މަގުސަދަކީ،" 30 އަހަރަށް ފަހު މެދު ޒިޔާރަތުގައި ދިދަ ނަގަން ފެށި ފެށުމާ ގުޅޭ ގޮތުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މެދުޒިޔާރަތުގެ އިތުރުން، މީގެ ކުރިން މާލޭގައި ދިދަ ނަގާފައި ހުރި ބޮޑުތަކުރުފާނުގެ ޒިޔާރަތުގެ އާބާތުރަ ފިލުވައި، އެ ތަނުގައި ވެސް ދިދަ ނަގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަތޮޅު ތެރޭގައި ހުރި މި ކަހަލަ ތަންތަނުގައި އެކަން ކުރަން ރޭވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ ތަންތަން އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައި ވަނީ މެދުޒިޔާރަތުގަ އެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް އެ ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.
މެދުޒިޔާރަތުގައި އަލުން ދިދަ ނަގަން ފެށުމުން ބައެއް ދީނީ އިލްމުވެރިން ދަނީ އެއީ ބިދުއައެއް ކަމަށް ބުނެ އެކަމަށް ފާޑުކިޔަމުންނެވެ.
އުތީމުގައި ގަނޑުވަރުގައި ވަރަށް ކުރިއްސުރެ މިގޮތަށް އަންނަނީ ދިދަ ނަގަމުންނެވެ.