އަންނަ އަހަރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވިދާޅުވެއްޖެ އެވެ. އެމްއެމްއޭއިން މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގަ އެވެ.
މި ކޮމިޓީގައި އެމްއެމްއޭއިންވަނީ އަންނަ އަހަރު އިގްތިސާދީ މަންފާ ބޮޑަށް ކުރާނެފަދަ މަޝްރޫއުތަކަށް އިސްކަން ދިނުމަށްވެސް ލަފާދެއްވާފަ އެވެ.
އަންނަ އަހަރު ޓީޖީއެސްޓީ ބޮޑުކުރަން ބަޖެޓްގައި ހިމަނާފައި ވާތީ އެއީ ރަނގަޅު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ބޭރު ފައިސާ ގަނެވިއްކާ ރޭޓަށް އަންނަ ބަދަލު މެނޭޖުކުރަން ފަސޭހަވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުންޏެވެ. ޓީޖީއެސްޓީއާ ގުޅޭގޮތުން ކުރިން އެމްއެމްއޭއިން ދީފައިވަނީ ތަފާތު ލަފައެކެވެ.
ކޮމިޓީގައި އެމްއެމްއޭގެ ސީނިއާ ރިސާޗު އެނަލިސްޓް މުހައްމަދު އިމްތިނާން ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓްގައި ހުރި ބައެއް ސިޔާސަތުތަކުގެ ސަބަބުން އިންފްލޭޝަން އަދި އެކްސްޗޭންޖް ރޭޓަށް ހެޔޮ ބަދަލުތަކެއް ވެސް ކުރާނެ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ބޭރު ފައިސާއިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ އެއީ ރިޒާވަށް ހެޔޮ އަސަރު ކުރާނެ އެވެ.
ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ކުރުމުން އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލު މެނޭޖްކުރަން ފަސޭހަވާނެ ކަމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ތަކެތި ބަލްކުކޮށް އެއްފަހަރާ ގަތުމުން އެކަމަށް ކުރާ ހަރަދު ކުޑަކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"ޓީޖީއެސްޓީ ބޮޑުކުރުމުން ރިޒާވަށް ވަންނަ ބޭރު ފައިސާ އިތުރު ކުރެވި އެމްއެމްއޭ އިން ހިންގާ އިންޓަވެންޝަން އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެކަމުގެ ސަބަބުން އެކްސްޗޭންޖް ރޭޓްގެ ޕްރެޝަރު ކުޑަކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ،" އިމްތިނާން ވިދާޅުވި އެވެ.
އަންނަ އަހަރު ދައުލަތުގެ ހަރަދު ކުޑަކުރުމަށް ބަޖެޓްގައި ގިނަ ކަންކަން ހިމެނިފައިވާތީ ވީހާވެސް އަވަހަކަށް އެކަންކަން ތަންފީޒުކުރެވޭނެ ފަދަ ގޮތަކަށް ދައުލަތުގެ ބަޖެޓް ރޭވިގެން ދިއުމަށް ލަފާއަރުވާކަމަށް މަޖިލީހުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
"ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަކީ ވަރަށް ބޮޑަށް އިމްޕޯޓަށް ބަރޯސާވެގެން ކުރިއަށްގެންދެވޭ މަޝްރޫއުތަކަކަށްވާތީވެ މިވަގުތު އިގްތިސާދުގައި ބޭރުފައިސާގެ ދަތިކަން ހުރުމާއިއެކު ބޭރުފައިސާ މި ޕްރޮޖެކްޓްތަކަށް ހަމަޖެހުމުން މި ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށްވެސް މި އޮތޯރިޓީގެ ލަފާގައިވާނީ އަރުވާފައި." އިމްތިނާން ވިދާޅުވި އެވެ.