މ. ނިރުފެހި ގޭގައި މިދިޔަ ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ އަލިފާން ރޯވީ އެގޭގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖުގައި ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ދޮޅު މިނެޓްގެ ތެރޭގައި މުޅި ގޭގައި އަލިފާން ހިފީ މުޅި އެތަން ލަކުޑިން ހަދާފައި ހުރުމުން ކަމަށެވެ.

ސާމިހު ވިދާޅުވީ އެ އިމާރާތުގެ އެއް ފްލޯގައި ހަތަރު ކޮޓަރި، އަދި އަނެއް ފްލޯގައި އަށް ކޮޓަރި ހަދާފައިވާ ކަމަށެވެ. އެ ހުރިހާ ކޮޓަރިއެއް ވެސް ހަދާފައި ހުރީ ފިލާއިންނެވެ. އެތަނަކީ ވިއްސަކަށް ފޫޓު، ތިރީސް ފޫޓުގެ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ގަރާޖް ހިންގަން ހުއްދަ ދިނީ ހުޅުމާލޭގައި ކަމަށާއި އެހެންކަމުން އެއީ ގަވާއިދާ ޚިލާފަށް ހިންގި ގަރާޖެއް ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ.

އެ ހާދިސާ ހިނގި އިރު އެ ގޭގަައި 26 މީހުން ތިބި ކަމަަށް ސާމިހު ވިދާޅުވި އެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އޭގެތެރެއިން ތިން މީހެއްގެ ހަށިގަނޑު މިހާރު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.