އިއްޔެ ރެހެންދި ސްކޫލްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓް ވިއުގައަށް ދިމާވި މައްސަލަ ހައްލުވަންދެން މިއަދުން ފެށިގެން އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންގެ ކިޔެވުން މެދުކަނޑާނުލާ ކުރިޔަށް ގެންދިއުމުގެ ގޮތުން މިއަދުން ފެށިގެން ގޫގުލް މީޓް މެދުވެރިކޮށް އޮންލައިން ކުލާސްތައް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށްދޭ މަސައްކަތްތައް ވައިބާ މެދުވެރިކޮށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރެހެންދި ސުކޫލުން އަންނަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ސްޓެލްކޯގެ ބެލުމުގެ ދަށުން ކަރަންޓް ވިއުގަ ރަގަޅު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިއްޔެގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ދަރިވަރުން ސުކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އަންނަ އާދިއްތަ ދުވަހު އަލުން ފެށޭނެ ކަމަށް އެ ސުކޫލުން ލަފާކުރެ އެވެ.
އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1 ދަރިވަރުންނަށް ހެނދުނު 9:00 އިން 11:00 ހަމައަށެވެ. ގްރޭޑް 2 އިން 6 ދަރިވަރުންނަށް ކްލާސްތައް ކުރިއަށްގެންދާނީ މެންދުރު 1:00 އިން 5:00 އަށެވެ. އަދި ގްރޭޑް 7އިން 10 ގެ ދަރިވަރުންނަށް ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން ރޭގަނޑު 9:00 ދެމެދުގަ އެވެ. އެލްކޭޖީ ދަރިވަރުންނަށް ކްލާސްތައް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން 6:00 އަށެވެ.
އެމްއެންޑީއެފުން ބުނީ، ރެހެންދި ސްކޫލުގެ ޕެނަލް ބޯޑުގައި ހެނދުނު 6:19 ހާއިރު ރޯވި އަލިފާން، ހުޅުމާލޭގެ ފަޔާ ސްޓޭޝަންގެ ފަޔާމަނުން ނިއްވާލީ ހެނދުނު 7:19 ގައި ކަމަށެވެ.
އެވަގުތަކީ ހެނދުނު ދަންފަޅީގެ ދަރިވަރުން ސްކޫލަށް ހާޒިރުވާ ވަގުތުނަމަމަވެސް، ދަރިވަރުންނަށް ގެއްލުމެއް ނުވާ ގޮތަށް ތިރިއަށް ގެނެސް ދަރިވަރުން ވަނީ ގެއަށް ފޮނުވާލާފަ އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަދި ކުއްޖަކަށްވެސް އަނިޔާއެއް ލިބިފައިނުވެ އެވެ.