ވޮޝިންޓަން (14 ޑިސެމްބަރު ) - އެމެރިކާއިން އީރާން އަދި އިރާންގެ އޮފިޝަލުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އާބޮޅެއް އިތުރުކޮށްފި އެވެ.

ޓްރެޝަރީ ޑިޕާޓްމަންޓްގެ ވެބްސައިޓްގައި ވާގޮތުން މި ފަހަރު އެމެރިކާއިން ދަތިކުރުމުގެ ފިޔަފަޅު އަޅާފައިވަނީ އީރާންގެ މިނިސްޓްރީ އޮފް އިންޓެލިޖެންސް އެންޑް ސެކިއުރިޓީއާ ގުޅުން އޮންނަ ދެ މީހެއް ކަމަށްވާ މުހައްމަދު ބަސެރި އަދި އަޙްމަދު ގާޒީ އަށެވެ.

އެމެރިކާއިން ވަނީ އެ ދެ މީހުން ބްލެކްލިސްޓް ކޮށްފަ އެވެ.

އެ މީހުން ބްލެކް ލިސްޓްކުރީ 2007 ވަނަ އަހަރު އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ކުރީގެ އެޖެންޓެއް ކަމަށްވާ ރޮބާޓް ލެވިންސަން ގެއްލުވާލި ކަމުގެ ތުހުމަތުގަ އެވެ.

އެމެރިކާއިން ގަބޫލުކުރާ ގޮތުގައި ލެވިންސަން ވަގަށް ނަގާފައި ވަނީ އީރާނުންނެވެ. އަދި އޭނާ މަރުވެފައި ވަނީ އީރާނުން ހައްޔަރުކޮށްފައި ހުއްޓާ ކަމަށެވެ. ލެވިންސެން ގެއްލިފައި ވަނީ އިރާންގެ ކިޝް ކިޔާ ރަށެއްގައި ހުއްޓަ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެ މީހުންގެ އެއްވެސް މުދަލެއް، ފައިސާއެއް އަދި އެހެން އެއްޗެއް ވެސް އެމެރިކާގެ ބާރު ހިނގާ އެއްވެސް ގައުމެއްގައި ހުރެއްޖެނަމަ އެއެއްޗެއް ހިފެހެއްޓުމާއި އަދި އެމެރިކާގެ އެއްވެސް މީހަކު އެމީހުންނާ މުއާމަލާތްކުރު މަނާކުރެވޭނެ އެވެ. އަދި މީގެ އިތުރުން އެހެން ގައުމުތަކުގެ މީހުންނާއި ބޭންކުތަކުން އެ މީހުންނާއި މުއާމަލާތް ކުރާކަން އެނގިޖެނަމަ އެބަޔަކާއި ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެކަން ވެސް ވަނީ އަންގާފަ އެވެ. - ރޮއިޓާސް