ވޮޝިންޓަން (14 ޑިސެމްބަރު) - އެމެރިކާގެ ރައީސަކު ހޮވުމަށް ނެގި އިލެކްޓޯއަލް ކޮލެޖް ވޯޓު، ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޖޯ ބައިޑެން ކާމިޔާބުކުރައްވައިފި އެވެ.
ބައިޑެން އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބުކުރެއްވީ 306 އިލެކްޓޯރަލް ވޯޓުންނެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ.
އިލެކްޓޯރަލް ކޮލެޖް ވޯޓް ލުމަށްޓަކައި ހުރިހާ އިލެކްޓަރުން އެބައެއްގެ ސްޓޭޓްތަކުގައި ވަނީ ބައްދަލުކުރައްވައި، ވޯޓު ދެއްވައިފަ އެވެ.
ވޯޓްލުން ކުރިއަށްގެންދިޔައީ އެ ސްޓޭޓެއްގެ ކެޕިޓަލް ބިލްޑިންގްގަ އެވެ.
އެންމެ ފުރަތަމަ ވޯޓްލާފައި ވަނީ އިއްޔެ ހެނދުނު 10 ޖެހިއިރު އިންޑިއާނާ، ނިއު ހެމްސްފިއާ، ޓެނެސީ، ވާމޮންޓް އެވެ. ޓެނެސީ، އިންޑިއާނާ އިން އެ މީހުގެ 22 އިކެލްޓޯރަލް ވޯޓް ދިނީ މިހާރުގެ ރައީސް ޓްރަމްޕަށެވެ. އަދި ވާމޮންޓް އާއި ނިއު ހެމްސްފިއާގެ ޖުމްލަ ހަތް ވޯޓް ލިބިފައިވަނީ ޖޯ ބައިޑެން އަށެވެ. އެރިޒޯނާ، ޖޯޖިއާ، ޕެންސެލްވީނިއާ ގެ އިލެކްޓަރުން ވޯޓްލީ މެންދުރު އެވެ. ވިސްކޮންސިން 1:00ގައި ވޯޓްލުން ފެށިއިރު މިޝިގަން ގައި ވޯޓްލީ 2:00ގަ އެވެ.
މުޒާހަރާކޮށް ހަމަނުޖެހުން ހިންގާނެ ކަމަށްބަލައި، ވޯޓްލުން ކުރިއަށްދާ ވަގުތު މިޝިގަންގެ ކެޕިޓަލް ބިލްޑިން ބަންދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެންމެ ގިނަ އިލެކްޓާސް ތިބޭ ކެލިފޯނިޔާގައި ވޯޓްލުން ފެށީ ހަވީރު ފަހެއް ޖެހިއިރު އެވެ.
އެމެރިކާގައި ރައީސް އަދި ނައިބް ރައީސް ހޮވަނީ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯދާ ކެންޑިޑޭޓަކަށް ބަލައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި ބަލަނީ އިލެކްޓޯރަލް ކޮލެޖް ވޯޓް އެންމެ ގިނައިން ލިބޭ މީހެކެވެ.
ނޮވެމްބަރު މަހު ބޭއްވުނު އިންތިހާބުގައި ޖޯ ބައިޑެން ވަނީ އެމެރިކާގެ އިންތިހާބް ކާމިޔާބުކުރުމަށް ބޭނުންވާ 270 އިލެކްޓޯރަލް ކޮލެޖް ވޯޓަށް ވުރެ އިތުރަށް ހޯއްދަވާފަ އެވެ. ޓްރަމްޕަށް ލިބުނީ 232 އިލެކްޓޯރަލް ވޯޓެވެ. އަދި އިލެކްޓޯރަލް ކޮލެޖް ވޯޓްގައި މާބޮޑު ތަފާތެއް ފެންނާނެ ކަމަށް ނުބެލެވެ އެވެ.
ވޯޓްލުން އެއްކޮށް ވަނީ ރޭ އަށެއް ޖެހިއިރު ނިމިފަ އެވެ. އެއާއެކު އެމެރިކާގެ 46 ވަނަ ރައީސަކަށް އިންތިހާބުވި ޖޯބައިޑެން ވަނީ ގައުމާ މުޚާތަބު ކުރައްވައިފަ އެވެ. – އެންބީސީ ނިއުސް