ރާއްޖެއިން މޮބައިލް ސިމް ކާޑު އެންމެ ގިނައިން ގަނެފައިވަނީ ބިދޭސީން ކަމަށާއި މީގެ ތެރެއިން އެންމެ ގިނައީ މިހާރު ރާއްޖޭގައި ނޫޅޭ ބިދޭސީން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު މިފަދައިން ވިދާޅުވީ މިސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ހޯމް މިނިސްޓްރީއާއި ފުލުހުން އަދި ކަރެކްޝަނަލް ސާރވިސް ގުޅިގެން ބޭއްވި މިނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ ސްކޭމް ކޯލު ކުރުމުގައި ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު 3033 ފިޔަވަޅެއް ފުލުހުންގެ އިދާރާއިން އަޅާފައިވާ ކަމަށެވެ.
އޭގެ ތެރެއިން 2196 މޯބައިލް ނަމްބަރުގެ ސިމް ކާޑެއްގެ ހިދުމަތް ފުލުހުން މެދުވެރިވެގެން ކަނޑާލާފައި ވާނެކަމަށާއި 817 ފޯނެއް ދިވެހިރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑެއްގެ ނެޓްވޯކެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި އައިޕީ އެޑްރެސްގެ ތެރެއިން 8 އައިޕީ އެޑްރެސްއެއް ބްލޮކް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ބަލައިގެންފައި ނުވަތަ ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރުގައި އެންމެ ޓޮޕް 5 ގައި ތިބީ ބިދޭސީން. ދިވެހިރާއްޖޭގައި ނޫޅޭ ބިދޭސީން. ކޮންމެ މީހަކަށް އެވްރެޖްކޮށް 5،000 ސިމް ކާޑު،" ސީޕީ ހަމީދު ވިދާޅުވި އެވެ.
ސީޕީ ހަމީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ސިމް ކާޑު ބޭނުން ކުރަނީ ކޮން ގޮތަކަށްތޯ ފުލުހުން ބަލާފައިވާ ކަމަށާއި ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމް ކާޑު ގަނެފައިވަނީ ބިދޭސީން ކަމަށެވެ. އެގޮތުން އެންމެ ގިނައިން ސިމް ގަންނަ ފަސް މީހުންނަކީ ވެސް ބިދޭސީން ކަމަށާއި އެ މީހުންނަކީ ރާއްޖޭގައި ދިރި ނޫޅޭ ބިދޭސީންކަން ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
"ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމް ކާޑު ގަނެފައި ނުވަތަ ބަލައިގެންފާ ވަނީ، އެންމެ ޓޮޕް ފަހެއްގައި ހިމެނެނީ ބިދޭސީން. ދިވެހިރާއްޖޭގައި ނޫޅޭ ބިދޭސީން. ކޮންމެސް އެއް އިރެއްގައި ދިވެހިރާއްޖޭގައި އުޅެފަ އެކަމު މިހާރު ދިވެހިރާއްޖޭގައި ދިވެހި މާހައުލުގައި ނެތް ބިދޭސީން،" ސީޕީ ހަމީދު ވިދާޅުވި އެވެ.
ސީޕީ ހަމީދު ވިދާޅުވީ މި ފަދަ މައްސަލަތައް ހޯދޭ މިންވަރަކުން އެކަންކަމަށް ފިޔަވަޅު އަޅަމުން ގެންދާކަމަށާއި ޖަލުތެރެއަށް ވައްދާ ފޯނުތައް ބްލޮކްކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
އެކަމާ ގުޅިގެން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއާ އަދި ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުންނާ އެކީ މަސައްކަތްތަކެއް ކުރަމުން އަންނަކަން ސީޕީ ފާހަގަކުރައްވާފައިވެ އެވެ.