އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހުގެ މުއްދަތު ވެރިކަން ނިމެންދެން ދަންމާލައިފި އެވެ.
ދައުލަތުގެ ފަރާތުން ބޭއިންސާފާއި އަނިޔާ ލިބިފައިވާ މައްސަލަތައް ތަހުގީގުކުރުމަށް އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން 17 ޑިސެމްބަރު 2020 ވަނަ ދުވަހު އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހަށް ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު އަންނަ މަހުގެ 17 ވަނަ ދުވަހަށް ހަމަވާނެ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަންނަ މަހުގެ 17 ވަނަ ދުވަހަށް އިންތިގާލީ އިންސާފުގެ އޮމްބަޑުސް ޕާސަންގެ އޮފީހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތައް ތަހުގީގުކޮށް ނުނިމޭނެތީ އެ މައްސަލަތައް ބަލަން އިތުރު ވަގުތު ބޭނުންވާތީ މުއްދަތު އިތުރުކޮށްދޭން އޮފީހުން އެދިފައިވާ ކަމަށެވެ.
އެހެންކަމުން އިންތިގާލީ އިންސާފުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ނ) ގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމޭ ދުވަސް ކަމުގައިވާ އަންނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހުގެ މުއްދަތު އިތުރުކޮށްދެއްވާފަ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހަކީ 1953 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާ ގުޅުން ހުރި މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނެކެވެ.
އެ ކޮމިޝަނުން ވަނީ 400 އަށް ވުރެ ގިނަ މައްސަލަ ބަލަން ނިންމާފަ އެވެ. އޭގެތެރޭގައި 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލުވި މައްސަލަ އާއި ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ނުހައްގުން ކުރި ހުކުމުގެ މައްސަލަ ހިމެނެ އެވެ.
މީ ފިތުނަ އުފައްދައިގެން ވޯޓުހޯދާން އުޅުވާފައިވާ އޮފީހެއް. މީކީ އިތުރު އެއްވެސް ކަމެއް ކުރެވޭނެ ތަނެއް ނޫން.