އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބަޖެޓް ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު މެންދުރުފަހު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ބަޖެޓަށް އިތުރުކުރީ 160.9 މިލިއަން ރުފިޔާ އެވެ.

މިއަދުގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ ޖުމްލަ 14 އޮފީހެއްގެ ބަޖެޓް އިތުރުކުރުމަށް ހުށަހަޅުއްވާފަ އެވެ.

މީގެއިތުރުން އުމްރާނީ ތަރައްގީ ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކެއް ބަޖެޓުން އުނިކޮށް، އާ ބައެއް ކަންކަން ޕީއެސްއައިޕީގައި ހިމެނުމަށް އޭނާ ހުށަހެޅުއްވި އެވެ. އެގޮތުން އޮފީސްތަކުގެ ބަޖެޓަށް 36.45 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ ބަޖެޓަށް 124.4 މިލިއަން ރުފިޔާ ހުށަހަޅާފައިވެ އެވެ. އެ ހުށަހެޅުންތައް ސަރުކާރު މެންބަރުންގެ ތާއީދާ އެކު ވަނީ ފާސްވެފަ އެވެ.

ކޮންޓިންޖެންސީ ބަޖެޓުން 25 މިލިއަން ރުފިޔާ ދޫގަސް ތަރައްގީކުރުމަށް ހާއްސަކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ބަޖެޓްގައި ހިމެނި ރެކަމޮންޑޭޝަންތަކުގެ ތެރޭގައި 161.1 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ހޯދުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދުމަށް ހާއްސަ އިސްކަމެއް ދިނުން ހިމެނެ އެވެ.

އާސަންދައިގެ އިސްރާފު ކުޑަކުރަން ފިޔަވަޅު އެޅުމަށް ވެސް ލަފާދީފައިވެ އެވެ. އެގޮތުން ބޭހުގެ އަގު ކަނޑައެޅުން އަދި މެޑިކަލް ކޮންސިއުމެބުލްއަށް ކުރާ ހަރަދު ކުޑަކުރަން ލަފާދީފައިވެ އެވެ.

ޑަބަލް ޕެންޝަނަށް ކުރާ ހަރަދުތައް ކުރުން ހުއްޓާލުމަށާއި ސަރުކާރު ކުންފުނިތަކުގެ ޕާފޯމަންސް ބަލައި ވިޔަފާރި މޮޑެލް ބަދަލުކުރުމާއި ފިއުލް ސަބްސިޑީ ސީދާ ބޭނުން ޖެހޭ މީހާއަށް ދިނުމަށް އުސޫލު ބަދަލުކުރުމަށް ވެެސް ލަފާދީފައިވެ އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ހަރަދުތައް ބަޖެޓުގެ ތެރެއިން ކުރުމަށް އިލެކްޝަންސްއަށް އިރުޝާދު ދިނުމަށް ވެސް ވަނީ ލަފާދީފަ އެވެ. އެކަމަކު އެ ފައިސާއިން ނުވާ ނަމަ ކޮންޓިންޖެންސީ ބަޖެޓުން ހަރަދުތައް ކުރުމަށް ވެސް ލަފާދީފައިވެ އެވެ. ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ނަމަ، ހުށަހެޅުން ލަސްނުކޮށް އަވަސްކުރުމަށް ވެސް ލަފާދީފައިވެ އެވެ.

މީގެއިތުރުން ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ކުރާ މިންވަރު މަދުކުރަމުން ދިޔުމަށާއި މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯކޮށްފައިވާ އަދަދު ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ވެސް ވަނީ ލަފާދީފަ އެވެ.

ކޮންޓިންޖެންސީ ބަޖެޓުން ފައިސާ އުނިކޮށް ބައެއް މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމަށް ހުށަހަޅާފައިވެ އެވެ. އެގޮތުން މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދޭ 250 މިލިއަން ރުފިޔާ ސީދާ މަސްވެރިންނަށް ދިނުމަށާއި އައްޑޫ ހިތަދޫ އާއި ކުޅުދުއްފުށީ ޕޯޓް ތަރައްގީއަށް ކޮންޓިންޖެންސީ ބަޖެޓުން 140 މިލިއަން ރުފިޔާ އެމްޕީއެލްއަށް ހަމަޖެއްސުމަށް ހުށަހަޅާފައިވެ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީއަށް ކޮންޓިންޖެންސީ ބަޖެޓުން 80 މިލިއަން ރުފިޔާ ހިމެނުމަށާއި މިފްކޯގެ މަސްޕްރޮސެސިން ޕްލާންޓެއް ހުންނަ ފުނައްޑޫ އޮޕަރޭޝަނަށް ގެންނަން ކޮންޓިންޖެންސީ ބަޖެޓުން 70 މިލިއަން ރުފިޔާ މިފްކޯއަށް ދިނުމަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެއިން އެއްވެސް ހުށަހެޅުމެއް ފާހެއް ނުވި އެވެ.