ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގެ ރިޕޯޓުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ނަޝީދު ފޮނުވި ސިޓީގައި ވަނީ މިދިޔަ އަހަރަށް ފާސްކުރި ބަޖެޓަކީ 36.9 ބިލިޔަން ރުފިޔާ ކަމަށް ވާއިރު މިއަހަރު ނިމޭ އިރު ދައުލަތުގެ ހަރަދުތައް ހުންނާނެ ކަމަށް އަންދާޒާކޮށްފައި ވަނީ 42.8 ބިލިޔަން ރުފިޔާގައި ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަދަދަށް ވުރެ 5.8 ބިލިޔަން ރުފިޔާގެ އިތުރުވުމެއް ކަމަށް ވިދާޅުވެފައިވެ އެވެ.
2022 ވަނަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން ރައީސަ ނަޝީދު ވިދާޅުވީ 2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސުން މައުލޫމާތު ދީފައިވާ ކަމަށެވެ.
“ނަމަވެސް ބަޖެޓް ކޮމިޓީގެ ރިޕޯޓްގެ 22 ވަނަ ސަފްހާގައި ހިމެނޭ ތާވަލު ދޭއް ގައިވާ ހިސާބުތަކުން ސާފުވާ ކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް ހަރަދުކޮށްފައިވާ ކަމެވެ" ސިޓީގައި ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓަށް ފަހުން 160 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓް ދިރާސާ ކުރާ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފައިވާ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް އިސްލާހު ހުށަހަޅަން މެންބަރުންނަށް މިއަދު ފުރުސަތުވަނީ ހުޅުވާލާފަ އެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ބަޖެޓަށް ގެންނަން ބޭނުންވާ އިސްލާހެއް އޮތް ނަމަ ފޮނުވުމަށެވެ. އެގޮތުން، ބަޖެޓަށް އިސްލާހު ހުށަހަޅަން ޖެހެނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4ގެ ކުރިންނެވެ.
ބަޖެޓް ރިޕޯޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް 7 މިނެޓް ދޭން ހަމަޖެހިފައިވާއިރު ބަޖެޓް ފާސްކުރުމަށް މި މަހުގެ 30 ވަނަ ދުވަހު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ އެވެ.