ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް މަޖިލީހުން ފާސްކުރި ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.

މިހާރު މި ބިލު ވަނީ ގާނޫނެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

އެހެންކަމުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ވިއްކާ މުދަލާއި ޚިދުމަތުފެ އަގުން މީގެ ކުރިން ނަގަމުން އައި 12 އިންސަތައިގެ ޓެކްސްގެ އަދަދު 16 އިންސައްތަ އަށް ބަދަލުވެގެންދާނެ އެވެ.

ޓޫރިސްޓް ރިޒޯޓެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ނުވަތަ ޕިކްނިކް އައިލެންޑެއް ނުވަތަ ޕްރައިވެޓް އައިލެންޑެއް އެކުގައި ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް ނުވަތަ ވަކި ބައިތަކެއް ނުވަތަ ވަކި ގެއެއް ނުވަތަ ކޮޓަރިއެއް ނުވަތަ ކޮޓަރިތަކެއް، ސްޓްރާޓާ އުޞޫލުން ނުވަތަ އެނޫން ގޮތަކަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް، އަދި ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުއާމަލާތާ ގުޅޭގޮތުން ޖީއެސްޓީ ހިސާބުކުރާނީ، އެގޮތުން ކަނޑައެޅިފައިވާ ޖުމްލަ އަގުގެ މައްޗަށް ބިނާކޮށްކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރައީސް ސާލިހު މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން އާންމު ހިދުމަތްތަކުން ނަގަމުން އައި 6 އިންސައްތައިގެ ޖީއެސްޓީވެސް 8 އިންސައްތައަށް ބަދަލުވެގެންދާނެ އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.