ކުންފުނިތަކުން ކިއްލި ތެޅުމާއި ބިއުޓީ ޕާލާ ހިންގުމާއި ހެދިކާ ހެދުން ނޫން ހުރިހާ ވިޔަފާރިއެއްގެ ތެރެއަށް ވަދެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ބަޖެޓަށް ބަހުސް ކުރައްވަމުން މަޖިލީހުގައި އީވާވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާދު ވިދާޅުވެފަ އެވެ.
އީވާ ވިދާޅުވީ ދައުލަތުގެ ކުންފުނިތައް ބޮޑުވަމުން ގޮސް ކިއްލި ތެޅުމާއި ހެދިކާ ހެދުމާއި ބިއުޓީ ޕާލާ ހިންގުން ފިޔަވައި ހުރިހާ އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި އެއީ އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާ ހިލާފަށް ސަރުކާރުން ވިޔަފާރިކުރުން ކަމަށްވެސް އީވާ ވިދާޅުވި އެވެ.
"އެ މީހުންގެ [އަމިއްލަ ވިޔަފާރިތައް] ހުރިހާ މަސައްކަތެއް ސަރުކާރު ކުންފުނިތަކަށް ނަގާފައި މި ބުނަނީ އިގްތިސާދު ހަމައަކަށް އަޅުވައިފީމޭ،" އީވާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރުކާރު ކުންފުނިތަކުން އުފައްދަމުންދަނީ ސިޔާސީ ވަޒީފާތައް ކަމަށާއި، އެކަން ކުރަނީ ދެވަނަ ދައުރެއް ހޯދަން ކަމަށާއި، އެ އުޅެނީ އިގްތިސާދު ހަމަޖައްސަން ނޫން ކަމަށެވެ.
ސަރުކާރުން ލިބޭނެކަމަށް އަންދާޒާކުރާ ހިލޭ އެހީގެ 10 އިންސައްތަވެސް ނުލިބުމުން ސަރުކާރުން މަޝްރޫއުތައް ހިންގަނީ އެތެރޭގެ ބާޒާރުން ފައިސާ ދަރަންޏަށް ހޯދައިގެން ކަމަށެވެ. ރާއްޖޭގެ ބޭންކުތަކުން ފައިސާ އެގޮތަށް ނެގުމުން ގެއްލެނީ އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން ދޫކުރަން ބޭންކުތަކުގައި ހުންނަ ފައިސާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގައި ގެއްލުނު ފައިސާ އަނބުރާ ހޯދުމާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާނާއި، މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމާއި، ވެންޓިލޭޓަރުގެ ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދަން މަސައްކަތްކުރަންޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.
ސަރުކާރެއް ފާޑުކިޔާ ކޮންމެ މީހަކީ ހަސަދަވެރިވާ މީހެއްކަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ވިދާޅުވާތީ އެކަމަށްވެސް އީވާ ފާޑުވިދާޅުވި އެވެ.