ބުރަ ދިރިއުޅުމެއް އުޅެމުން ކަސްރަތަށް ވަކި ގަޑިއެއް ހާއްސަ ކުރުމަކީ އުނދަގޫ ކަމެކެވެ. ދުވަސް ދާއިރު ވަގުތު ލިބުމުން ކަސްރަތު ކުރާ މީހުން ގިނަ އެވެ. އެހެން ނަމަވެސް އެނގެން ޖެހޭ ކަމަކީ އެކި ގަޑިތަކުގައި ކަސްރަތު ކުރުމުން ލިބޭ ފައިދާތައް ތަފާތު ކަމެވެ.

ހެނދުނު

ރޭގަނޑު ނިދާފައި އޮންނަ ވަގުތުތަކުގައި ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު މަދުވެ އެވެ. އެހެންކަމުން، ހެނދުނުގެ ވަގުތުގައި ކަސްރަތުކުރާއިރު ހަކަތަ އުފެއްދުމަށްޓަކައި ހަށިގަނޑުން "ފެޓް ރިޒާވް" ބޭނުންކުރެ އެވެ. އެހެން ކަމުން ބަރުދަން ލުއިކުރަން ބޭނުންނަމަ ކަސްރަތު ކުރަން އެންމެ ރަނގަޅު ވަގުތަކީ ހެނދުނެވެ.

ނަމަވެސް ލޭމައްޗަށް ދިޔުމާއި ހަކުރު ބަލި ހުންނަ މީހުން ހުސްބަނޑާ ކަސްރަތު ކުރުމަކީ ރަނގަޅު ކަމެއްނޫނެވެ. އެފަދަ ބަލިތައް ތަހައްމަލު ކުރާ މީހުން، ހެނދުނު ކަސްރަތު ކުރުމުގެ ކުރިން ސިއްހަތަށް ފައިދާހުރި އެއްޗެއް ކައިގެން ދިޔުމަކީ މުހިންމު ކަމެކެވެ.

މެންދުރު

މެންދުރު ކަސްރަތު ކުރާނަމަ އެންމެ ރަނގަޅީ އައުޓް ޑޯ ތަންތަނުގައި ކަސްރަތު ކުރުމެވެ. އެގޮތުގެ މަތިން އިރުގެ ދޯދިތަކުން ހަށިގަނޑަށް އިތުރު ފައިދާތައް ލިބި ސަރުބީ ވިރުވުން އިތުރުކޮށްދެ އެވެ.

އެހެން ނަމަވެސް މެންދުރު ކަސްރަތު ކުރުމުގައި ގިނައިން ފެންބޮއި "ހައިޑްޓްރޭޓް"ކޮށް ހުރުމަށް ސަމާލުކަން ދޭން ވާނެ އެވެ. އެހެން ނޫންނަމަ ހަށިގަނޑުން ފެން މަދުވެ ހެއަށް ގޮތްވުން އެކަށީގެންވެ އެވެ.

ހަވީރު

ހަވީރު ކަސްރަތު ކުރުން ރަނގަޅުވާ ސަބަބަކީ ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުމަށް ފަހު ހަށިގަނޑުގައި ކަސްރަތަށް ބޭނުންވާ ވަރަށް ހަކަތަ ހުރުމެވެ.

މީގެ އިތުރުން، ހަވީރުގެ ވަގުތުގައި ކަސްރަތު ކުރާއިރު އެންޑޯފިންސް އަދި ސެރޮޓޮނިން ފަދަ އުފާވެރި ހޯމޯންތައް ގިނަ ވުމުގެ ސަބަބުން ސްޓްރެސް ފިލުވައިދެ އެވެ.

ރޭގަނޑު

ރޭގަނޑުގެ ވަގުތަކީ އާއްމުކޮށް ވަރުބަލިކަން އިހުސާސްކުރެވޭ ވަގުތެކެވެ. ނަމަވެސް ރޭގަނޑުގެ ކެއުމަށްފަހު ކަސްރަތު ކުރުމުގެ ސަބަބުން ބަނޑުގައިވާ މަސްތަކަށް ލުޔެއް ލިއްބައިދީ ފަސޭހައިން ނިދަން އެހީވެދެ އެވެ.