ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ ސިޓީއަކާ އެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ސިޓީ ޔޫއޭއީގެ ރައީސްއަށް އެރުވީ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރ ޝައިހް އަބްދުﷲ ބިން ޒައިދު އަލް ނަޙްޔާނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ރައީސް ސޯލިހު ޔޫއޭއީހެ ރައީސަށް ސިޓީ ފޮނުއްވީ ކޮންކަމަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ. އަދި މިކަމާ ގުޅޭގޮތުން ރައީސް އޮފީހުންވެސް މައުލޫމާތެއް ނުދެ އެވެ.
ނަމަވެސް ޔޫއޭއީގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި ޝާހިދު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ވޭތުވެދިޔަ އަހަރުތަކުގައި ކޮށްދީފައިވާ ކަންކަން ވެސް ފާހަގަކުރައްވާފައި ކަމަށެވެ.
ބައިނަލްއަގްވާމީ ގޮތުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ދެއްވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ،