ބްރެސިލިއާ (27 ނޮވެމްބަރު) - ބްރެޒިލްގެ އިރުދެކުނު އަވަށެއްގެ ދެ ސްކޫލަކަށް ދިން ބަޑީގެ ހަމަލާއެއްގައި މިހާތަނަށް ހަތަރު މީހުން މަރުވެއްޖެ އެވެ.

ހުކުރު ދުވަހު އެންމެ ފުރަތަމަ ސްކޫލަށް ދިން ހަމަލާގައި ދެ މީހަކު މަރުވެ އިތުރު ނުވަ މީހަކަށް އަނިޔާވި އިރު ހަމަ އެދުވަހު ދެވަނަ ސްކޫލަށް ދިން ހަމަލާގައި އެއް ދަރިވަރު މަރުވެ ދެ މީހަކަށް އަނިޔާވި އެވެ. އަނިޔާވި މީހުންގެ ތެރެއިން އެކަކު ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ.

އަޔަކްރިޒް އަވަށުގެ އިދާރާތަކުން ބުނި ގޮތުގައި އަނިޔާވި މީހުންގެ ތެރޭގައި އެ ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން ޓީޗަރުން ވެސް ހިމެނެ އެވެ.

ތަހުގީގުތަކަށްފަހު ބްރެޒިލްގެ ފުލުހުން ބުނީ ހަމަލާ ދީފައިވަނީ 16 އަހަރުގެ ޒުވާނެއް ކަމަށެވެ. އޭނާއާއެކު އިތުރު އެހެން ބަޔަކު ވެސް ހަމަލާގައި ހަރަކާތްތެރިވި ކަމަށް ބުނެވެ އެވެ.

ބްރެޒިލްއަކީ ބަޑީގެ ހަމަލާތައް އާއްމު ގައުމެއް ނަމަވެސް ސްކޫލްތަކުގައި މިފަދަ ހަމަލާތައް ހިނގަނީ ވަރަށް މަދުންނެވެ. އެގައުމުގައި މިފަދަ އެންމެ ބޮޑު ހާދިސާ ހިނގާފައިވަނީ 2011 ވަނަ އަހަރު އެވެ. އެފަހަރުގެ ހަމަލާގައި 14 މީހަކު މަރުވި އެވެ.