ދޯހާ (27 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގައި މިރޭ ބެލްޖިއަމް އަތުން 2-0 އިން މޮރޮކޯ މޮޅުވެއްޖެ އެވެ.

ގުރޫޕް އެފްގައި މިރޭ ކުޅުނު މެޗުގެ 73 ވަނަ މިނިޓުގައި މޮރޮކޯ އިން ލީޑު ނެގީ އަބްދެލްހާމިސު ސަބީރީ ޖެހި ލަނޑުންނެވެ. ހިލޭޖެހުމަކުން ސަބީރީ ފޮނުވާލި ބޯޅަ ގޯލަށް ވަތްއިރު، ބެލްޖިއަމްގެ ގޯލްކީޕަރު ތީބޯ ކޯޓުއާގެ ގޯހެއް ހެދުނުކަން ފާހަގަވި އެވެ.

މޮރޮކޯ އިން ވޯލްޑް ކަޕްގެ ތާރީހުގައި ތިން ވަނަ ފަހަރަށް މޮޅެއް ޔަގީންކުރީ މެޗުގެ އިތުރު ވަގުތުގައި ޒަކަރީއާ އަބްދުލްހަލާލް ޖެހި ލަނޑުންނެވެ. މި ލަނޑި ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދިނީ ވިންގާ ހަކީމް ޒިޔެޗެވެ.

ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ނަމަވެސް، މިރޭގެ މެޗުގައި ބެލްޖިއަމް އަށް ގިނަ އުނދަގޫތައް ކުރިމަތިވި އެވެ.

މި މެޗުން މޮޅުވެ، މޮރޮކޯ ވަނީ ގުރޫޕް އެފްގައި ހަތަރު ޕޮއިންޓް ހަމަކޮށްފައެވެ. ބެލްޖިއަމް ތިން ޕޮއިންޓާއެކު އޮތްއިރު، ކޮރޮއޭޝިއާ ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.

މި ގުރޫޕްގައި މިރޭ ކްރޮއޭޝިއާ އާއި ކެނަޑާ ބައްދަލުކުރާނެ އެވެ.