މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓް މިއަދު ފާސްކޮށްފި އެވެ. ފާސްކުރި ބަޖެޓަކީ 42.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ.

ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރެއްގެ ވޯޓާއި އެކުގަ އެވެ. އެއީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ޖުމުލަ މެންބަރުންގެ 78.21 އިންސައްތަ އެވެ. ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 8 މެންބަރެކެވެ. އެއީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެމްބަރުންނެވެ. އެމްއެންޕީގެ މެމްބަރުން ތަޅުމަށް ހާޒިރެއް ނުވެއެވެ. ބަޖެޓު ފާސްކުރަން ބޭނުންވަނީ 35 ވޯޓެވެ. އެހެންކަމުން ބަޖެޓު ވަނީ ފާސްވެފަ އެވެ.

މި ބޮޑު ބަޖެޓަށް ފައިސާ ހޯދުމަށް އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކޮށް ރައީސް ސޯލިހުވަނީ ތަސްދީގު ކުރައްވާފަ އެވެ.

ބަޖެޓަށް އިސްލާހު ހުށަހަޅަން ދިން މުއްދަތު ހަމަވިއިރު، އިދިކޮޅުން ގިނަ އިސްލާހުތަކެއް ވެސް ހުށަހެޅި އެވެ. މައިގަނޑު ގޮތެއްގައި އިސްލާހުތައް ހުށަހަޅާފައި ހުރީ ދައުލަތުގެ ބޭކާރު ހަރަދުތައް މަދުކޮށް، ބައެއް ކުންފުނިތައް އުވާލައި އެ ކުންފުނިތަކަށް ދޫކުރަން ނިންމާފައިވާ ފައިސާ އެހެން ކަންކަމަށް ހަރަދުކުރަން ހިމެނުމަށެވެ. ނަމަވެސް، އޭގެން އެއްވެސް އިސްލާހެއް ފާހެއް ނުވި އެވެ.

އިދިކޮޅުން ހުށައެޅި އިސްލާހު ތަކުގެ ތެރޭގައި:-

އަރަބިއްޔާގެ އާ އިމާރާތް އަޅަން 8.8 މިލިއަން ރުފިޔާ އިތުރުކުރުން.

• ހާއްސަ ބަޖެޓް 11 ބިލިއަން ރުފިޔާއިން 3.8 ބިލިއަން ރުފިޔާއަށް ކުޑަކުރުން.

• ސަރުކާރު ކުންފުނިތަކުގެ ކެޕިޓަލަށް ދޭ 764 މިލިއަން ރުފިޔާއިން 20 ޕަސެންޓް ކަނޑާލުން.

• ފޮރިން މިނިސްޓްރީގެ ބަޖެޓުން 73.5 މިލިއަން ރުފިޔާ އުނިކޮށް، އަރަބިއްޔާ ސްކޫލަށް އެ ފައިސާ ކަނޑައެޅުން.

• ކޮންޓިންޖެންސީ ބަޖެޓުގައި ހިމެނޭ 1.7 ބިލިއަން ރުފިޔާ، 100 މިލިއަން ރުފިޔާއަށް ކުޑަކުރުން.

• ސިޔާސީ މުވައްޒަފުންގެ މުސާރައިން 225.5 މިލިއަން ރުފިޔާ އުނިކޮށް، މަސްވެރިންގެ ސަބްސިޑީއަށް އެ ފައިސާ ހަރަދުކުރުން.

• ދަތުރު ހަރަދުތައް 104 މިލިއަން ރުފިޔާއަށް ކުޑަކުރުން.

• ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައި، ސަބްސިޑީ ސީދާ މަސްވެރިންނަށް ލިބޭ ގޮތް ހެދުން ހިމެނެ އެވެ.

އެމްޑީޕީގެ މެމްބަރުންގެ ތެރެއިން، ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ތިއްބަވާ ބައެއް މެމްބަރުން ވެސް ބަޖެޓަށް އިސްލާހުތަކެއް ހުށަހެޅި އެވެ. ނަމަވެސް އެ އިސްލާހުތަކެއްވެސް ފާހެއް ނުވެއެވެ.

މީގެއިތުރުން މި ހިނގާ 2022 ވަނަ އަހަރަށް ކަނޑައެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުތައް ފޫނުބެއްދޭތީ، މި އަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ވެސް މިއަދު މަޖިލީހުން ފާސްކުރި އެވެ. މި ބަޖެޓަށްވެސް އިދިކޮޅު މެމްބަރުން ވޯޓު ނުދެ އެވެ.