ބޮލީވުޑްގައި މިހާރު އެންމެ އަޑުގަދަ ވާހަކައަކީ ސައުތު ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު ޕްރަބާސް އާއި މަޝްހޫރު ބަތަލާ ކްރިތީ ސެނޯންގެ ކައިވެނީގެ ވާހަކަ އެވެ.

ދެ ތަރިން ވަރަށް އަވަހަށް އެންގޭޖްވާން އުޅޭކަމަށް އިއްޔެ ރިޕޯޓުކޮށްފައިވެ އެވެ. ދެތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދިފައިވަނީ ދާދިފަހުން ޝޫޓިން ނިންމާލި "އާދީޕުރުޝް"ގެ ޝޫޓިން ތެރެއިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދެ ތަރިން އެ ވާހަކަތަކާއި ގުޅޭގޮތުން ވާހަކަ ނުދައްކާ ތިއްބައި އެވާހަކަތަކަށް ބާރު ލިބޭ ފަދަ ގޮތަކަށް ވާހަކަ ދެއްކީ މިދިޔަ ހަފްތާގައި ރިލީޒް ކުރި ކްރިތީގެ ފިލްމު "ބޭދިޔާ" ޕްރޮމޯޝަނެއްގައި ކަލާޒް ޓީވީއިން ގެނެސްދޭ "ޖަލަކް ދިކްލާޖާ" ޝޯގައި ބައިވެރިވެ ކްރިތީއާއެކު އެ ފިލްމުގައި ލީޑްރޯލުން ފެނިގެންދިޔަ ވަރުން ދަވަން އެވެ.

ވަރުން ބުނީ ކްރިތީގެ ނަން އޮތީ މުމްބާއީން ބޭރުގައި ހުރި އެކްޓަރެއްގެ ހިތުގައި ލިޔެވިފައި ކަމަށެވެ. އޭނާ ހުރީ ދީޕިކާ ޕަދުކޯން އާއި އެކު ފިލްމެއް ކުޅެއް ގޮސް ކަމަށް ބުންޏެވެ. އެއީ ޕްރަބާސްގެ ވާހަކަ އެވެ.

އޭގެ ފަހުން އެ މީހުންނާއެކު ފިލްމުގައި މަސައްކަތް ކުރި މީހަކު ވަނީ ދެމީހުން ވަރަށް އަވަހަށް އެންގޭޖްވާން އުޅޭކަމަށް ބުނެފައި އެވެ. މިހުރިހާ ވާހަތަކަކާ ގުޅިގެން މަޑުން ހުރުމަށް ފަހު އެންމެ ފަހުން ކްރިތީ ވަނީ އެ ވާހަކަތަކަށް ރައްދު ދީފަ އެވެ.

ކްރިތީ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައި ވަނީ ޖަލަކް ދިކްލާޖާއަށް ގޮސްފައި ވަރުން ޕްރިބާސްއަށް ރައްދުވާގޮތަށް ދެއްކި ވާހަކައަކީ މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށެވެ. އަދި ނޫސްތަކުން އޭނާގެ ކައިވެނީގެ ތާރީހު ބުނުމުގެ ކުރިން ޕްރަބާސް އާއި ރައްޓެހިގެން ނޫޅޭ ކަމަށް ކްރިތީ ބުނެފައިވެ އެވެ.

ކޮފީވިތް ކަރަންގެ ސީޒަން ހަތް ވަނަގައި ޕްރަބާސް އާއި ކްރިތީ އެކުގައި ވަނީ ފެނިގެން ގޮސްފަ އެވެ. އެ ދެ ތަރިންގެ ޖޯޑު ގިނަ ބަޔަކަށް ވަނީ ކަމު ގޮސްފަ އެވެ.

ގިނަ ސަޕޯޓަރުން ތިބީ ޕްރަބާސް އާއި ކްރިތީގެ ފިލްމަށް އިންތިޒާރު ކޮށްގެނެވެ. އެ ފިލްމު ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.