މާލެ ސަރަޙައްދުގައި ދަތުރު ދާން ސަރުކާރުން ތަރައްގީކުރާ ކުޑަގިރިއަށް ފެރީ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާން ކޮށްފި އެވެ.
އެ ކުންފުނިން ވަނީ މާލެ އާއި ކުޑަގިރިއާ ދެމެދު ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ކުރުމަށް 4 ފެރީ ދޯނި ހޯދުމަށް އިއުލާނުކޮށްފަ އެވެ. އެޗްޑީސީން ބުނީ މާލެ އާއި ކުޑަގިރިއާ ދެމެދު ދަތުރު ކުރުމަށް ފަންސާހާއި ހަތްދިހައާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީ އާއި އަށްޑިހައާއި ސަތޭކައާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީ ބޭނުންވާ ކަމަށެވެ.
މާލެ އިން ކުޑަގިރިއަށް ފެރީ ދަތުރުތައް ބާއްވަނީ ހެނދުނު 6:30 އާއި 6:50 އާއި 7:10ގަ އެވެ. ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަނީ ހަވީރު 5:20 އާއި 5:40 އަދި 6:00ގަ އެވެ.
ފެރީ ދަތުރުތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި މިމަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ހުށައެޅުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
ކުޑަގިރި ކުރިން ހުޅުވަން ނިންމާފައި އޮތީ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށެވެ. ނަމަވެސް އެކަން ފަސްކުރީ އެތަން ފެހިކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ސަރުކާރުން ބުނެ އެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ އާއިލާތަކަށް ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރެވޭ ގޮތަށެވެ. އިންތިޒާމްތައް ހަމަޖައްސާފައި ވާނީ ޒަމާނީ އަދި ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކްދާނެ ރަށެއް ހަމަޖައްސައިދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. ފުރަތަމަ ހާއްސަކުރީ އެނބޫދޫ ފަޅުން ހިއްކާފައިވާ ސަރަހައްދެކެވެ. ގާތްގަނޑަކަށް 3.3 ހެކްޓަރުގެ އެތަން ބޭނުންކުރަން ނިންމިއަސް ފަހުން ސަރުކާރުގެ ނިންމުމަކަށް ވީ ކުޑަގިރި ތަރައްގީކުރުމެވެ.
މާލެ އާއި 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރިއަށް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވެ އެވެ. އެތަން ހިއްކަން ޕްލޭންކުރީ ދަތުރުދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑް ބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.
އެ ރަށުގައި މިސްކިތަކާއި އާއްމުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ އިމާރާތްތައް ވެސް ވަނީ ހަދައިފަ އެވެ. ގާތްގަނޑަކަށް 41 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ޕިކްނިކް އައިލެންޑުގައި ކަރަންޓާއި ފެނުގެ ހިދުމަތް ވެސް މިހާރު ވަނީ ނިމިފަ އެވެ.
ޕިކްނިކް އައިލެންގެ މަސައްކަތް ކުރަނީ ސަރުކާރުގެ 5 ކުންފުންޏެއް ގުޅިގެންނެވެ. ޕިކްނިކް އައިލެންޑްގެ މާސްޓަ ޕްލޭން ތައްޔާރު ކުރީ އެޗްޑީސީންނެވެ. ރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ދެން ބައިވެރިވަނީ އެމްޓީސީސީ، އެމްޑަބްލިއެސްސީ ފެނަކަ އަދި ސްޓެލްކޯ އެވެ.
މާލެ ސަރަހައްދުން ދަތުރުދާ ރަށެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ކުޑަބަނޑޮހެވެ. ނަމަވެސް ފަހުން ސަރުކާރުން އެތަން ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދޫކޮށްފަ އެވެ.