ދޯހާ (3 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ޖީގައި މިރޭ ބްރެޒިލް އަތުން 1-0 އިން މޮޅުވިޔަސް ކެމަރޫން މުބާރާތުން ކަޓައި، މި ގުރޫޕްގައި މިރޭ ސާބިއާ އަތުން 3-2 އިން މޮޅުވި ސްވިޓްޒަލޭންޑް ގަދަ 16ގެ ފަހު ޖާގަ ހޯދައިފި އެވެ.
ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗަށް ފަހު، ގުރޫޕް ޖީގެ އެއްވަނަ މަގާމު ހަ ޕޮއިންޓާއެކު ހޯދީ ބްރެޒިލް އެވެ. ހަ ޕޮއިންޓާއެކު ސްވިޓްޒަލޭންޑް ދެވަނަ ހޯދިއިރު، ކެމަރޫނަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އެއް ޕޮއިންޓާއެކު ތާވަލްގެ ފުލަށް ދިޔައީ ސާބިއާ އެވެ.
ގަދަ 16ގައި ބްރެޒިލް ކުޅެންޖެހޭނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. އަދި ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅޭނީ ޕޯޗުގަލް އެވެ.
މި މެޗުގެ ކުރިން ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން، ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ އެ ޓީމުގެ ފުރަތަމަ 11 އަށް 10 ބަދަލު ގެނެސްފަ އެވެ.
މުޅި މެޗު ކަހަލަ ގޮތަކަށް ބްރެޒިލް ކޮންޓުރޯލްކޮށް، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ކެމެރޫންގެ ގޯލު ހުޅުވާލެވޭ ގޮތެއްނުވި އެވެ. މެޗުގެ އިތުރު ވަގުތުގައި ބްރެޒިލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް، ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައި، ކެމަރޫން މޮޅުވި ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ކެޕްޓަން ވިންސެންޓް އަބޫބަކާރެވެ.
މި ލަނޑާއެކު އުފާފާޅުކުރަމުން އަބޫބަކާރް ޖޯޒީ ބޭލުމާއެކު، ރެފްރީ ވަނީ އޭނާ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކައިފަ އެވެ.
މެޗުގެ ބާކީ އޮތް ވަގުތު ކޮޅުގެ ތެރޭގައި ވެސް ބްރެޒިލް އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެކަމަކު ގެބްރިއެލް މާޓިނެލީ އާއި ބްރޫނޯ ގުއިމަރޭސް އަށް ލިބުނު ފުރުސަތުތައް ގޯލާ ދިމާ ނުކޮށްލެވުނެވެ.
މި ގުރޫޕްގައި މިރޭ ސްވިޓްޒަލޭންޑާއި ސާބިއާ ކުޅުނު ފޯރިގަދަ މެޗުގެ 20 ވަނަ މިނިޓުގައި ސްވިޓްޒަލޭންޑުން ލީޑު ނެގީ ތަޖުރިބާކާރު މިޑްފީލްޑަރު ޒެރްދާން ޝަކީރީ ޖެހި ލަނޑުންނެވެ. އެކަމަކު އޭގެ ހަ މިނިޓު ފަހުން ސާބިއާ އިން ނަތީޖާ ހަމަހަމަކުރީ ފޯވަޑް އެލެކްޒަންޑާ މިޓްރޮވިޗް ޖެހި ލަނޑާއެކު އެވެ. އަދި މެޗުގެ 35 ވަނަ މިނިޓުގައި ޔުވެންޓަސްގެ ފޯވަޑް ޑުސަން ވްލަހޮވިޗް ޖެހި ލަނޑާއެކު، ސާބިއާ ކޮޅަށް މެޗު އެނބުރުނެވެ.
އެހެން ނަމަވެސް ފޯވަޑް ބްރީލް އެމްބޯލޯ ޖެހި ލަނޑާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޓްޒަލޭންޑް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު، އެ ޓީމުގެ ރެމޯ ފްރޫލާ ޖެހި ލަނޑާއެކު، ސްވިޓްޒޭންޑަށް ދެވަނަ ފަހަރަށް ލީޑު ލިބުނެވެ.
ގަދަ 16ގެ މެޗުތައް:
- ނެދަލޭންޑްސް – އެމެރިކާ
- އާޖެންޓީނާ – އޮސްޓްރޭލިއާ
- ޖަޕާން – ކްރޮއޭޝިއާ
- ބްރެޒިލް – ދެކުނު ކޮރެއާ
- އިންގްލެންޑް – ސެނެގާލް
- ފްރާންސް – ޕޯލެންޑް
- މޮރޮކޯ – ސްޕެއިން
- ޕޯޗުގަލް – ސްވިޓްޒަލޭންޑް