މަޝްހޫރު ޓީވީ ދެ ތަރިން ކަމަށްވާ އަޕޫރްވާ އަގްނިހޯތުރީ އާއި ޝިލްޕާ ސަކްލާނީ އަށް އަންހެން ކުއްޖެ ލިބިއްޖެ އެވެ.
މި ދެ ތަރިންނަށް ދަރިޔަކު ލިބިފައިވަނީ ކައިވެންޏަށް 18 އަހަރު ފަހުންނެވެ. އަނޫޕާމާގެ އެކްޓަރު އަޕޫރްވާ އާއި ޝިލްޕާ ކައިވެނި ކުރީ 2004 ވަނަ އަހަރު އެވެ.
އެ ދެމަފިރިންނަށް ދަރިއަކު ލިބުނު ވާހަކަ ވީޑިއޯއަކާ އެކީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އަންހެން ދަރިފުޅަށް ދީފައިވާ ނަމަކީ އިޝާނީ ކާނޫ އަގްނިހޯތުރީ އެވެ.
އުމުރުން 50 އަހަރުގެ އަޕޫރްވާ އަކީ ސިލްސިލާތަކުގެ އިތުރުން ބައެއް ބޮލީވުޑް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ޝާހްރުކް ޚާނާއި މަހީމާ ޗައުދަރީގެ 1997 ގެ "ޕަރުދޭސް" އެވެ. އޭގެ ފަހުން އަޕޫރްވާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހަމް ހޯ ގަޔޭ އާޕް ކޭ"، "ކަސޫރު" އަދި "ޕިޔާރު ދީވާނާ ހޯތާ ހޭ" ހިމެނެ އެވެ.
އަޕޫރްވާ ފެނިގެންދިޔަ ފާހަގަ ކޮށްލެވޭ ސިލްސިލާތަކުގެ ތެރޭގައި ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަގުބޫލު ސިލްސިލާ "އަނޫޕަމާ" ހިމެނެ އެވެ. އޭގެ އިތުރުން ސޮނީ ޓީވީގެ "ޖެސީ ޖެއިސީ ކޮއީ ނެހީ" އާއި "އާސްމާން ސޭ އާގޭ" އަދި "މޭރީ ދުރުގާ" ހިމެނެ އެވެ.
އޭނަގެ އަންހެނުން އުމުރުން 40 އަހަރުގެ ޝިލްޕާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" އާއި "ކުސުމް" އާއި "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ ހޭ" އަދި "ކަރީލޭ" ހިމެނެ އެވެ. އޭނަ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ 2018-2019 އަށް ގެނެސްދިން ކަލާޒްގެ "ވިޝް ޔާ އަމްރިތު: ސިތާރާ" އެވެ.