ތެލުގޫ ތަރި، އައްލޫ އަރްޖުން އާއި ރަޝްމިކާ މަންޑަންނާ ލީޑު ރޯލުން ފެންނަ "ޕުޝްޕާ: ދަ ރައިޒް" ފިލްމަށް މުޅި ދުނިޔެއިން ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
މި ފިލްމަކީ މިދިޔަ އަހަރު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ފިލްމުގެ ޑައިލޮގްތަކާއި އެ ފިލްމުގެ ނެށުންތައް އެކި ގައުމުތަކުގައި ވައިގައިހިފުމުގެ ސަބަބުން ފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޕުޝްޕާގެ ފުރަތަމަ ބަޔަށް ވުރެ ދެ ގުނަ ބޮޑު ބަޖެޓެއްގައި ފިލްމުގެ ދެވަނަ ބައި އުފައްދުމުގެ މަސައްކަތްކުރަމުން އަންނައިރު ފިލްމަށް ކުރާ އުއްމީދު ބޮޑެވެ. ފުރަތަމަ ފިލްމަށް ވުރެ ދެވަނަ ފިލްމު ވަރުގަދަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަންނަނީ ކުރަމުންނެވެ.
ފިލްމުގެ ލީޑު ރޯލުގައި ފެންނާނީ ކުރިން ފިލްމުގައި ފެނުނު، އައްލޫ އަރްޖުން އާއި ރަޝްމިކާ މަންދަންނާ އެވެ. އެ ފިލްމުގެ ޝޫޓިންތައް ކުރިއަށްދާއިރު އަންނަ އަހަރު ފިލްމު ރިލީޒްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ޕުޝްޕާ 2" އިންޑިއާގައި ރިލީޒްކުރާ ދުވަހު ރަޝިޔާގައި ވެސް ރިލީޒް ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.
"ޕުޝްޕާ 2" ރަޝިޔާ އާއި އިންޑިއާ އެކީގައި ރިލީޒް ކުރުމަށް ނިންމާފައިވާއިރު "ޕުޝްޕާ: ދަ ރައިޒް" ރަޝިއާގައި އެޅުވުމުގެ ޕްރޮމޯޝަނަލް ހަރަކާތްތަކެއް މިހާރު އެގައުމުގައި އަންނަނީ ހިންގަމުންނެވެ. އެގޮތުން މިހަރަކާތްތަކުގައި ބައިވެރިވުމަށް އައްލޫ އަރުޖުން ވަނީ ރަޝިޔާއަށް ގޮސްފަ އެވެ.
"ޕުޝްޕާ" ގެ ފުރަތަމަ ބައި ރަޝިއާގައި ރިލީޒް ކުރަން ނިންމާފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ.
ރަޝިއާގައި އަޅުވާ ވާޝަންގެ ޓްރެއިލާ އާންމުކޮށްފައިވާއިރު ޑިސެމްބަރު 1 އަދި 3 ވަނަ ދުވަހު މޮސްކޯގައި އެ ފިލްމުގެ ހާއްސަ ސްކްރީނިންތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ.