އައްޑޫގައި ހަތިޔާރާއެކު ފަސް މަސް ދުވަހުގެ ތަމްރީންތަކެއް އެމްއެންޑީއެފް މެރިންކޯއިން ހަދަން ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެމްއެންޑީއެފްގެ މެރިންކޯގެ އެ ތަމްރީނުތައް އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި، އެ ތަމްރީނުތައް ހެދުމަށް ސިފައިން ހަތިޔާރާއެކު އައްޑޫގެ ހުރިހާ އަވަށްތަކެއްގައި އުޅޭނެ އެވެ.

މެރިންކޯގެ ތަމްރީނެއް އައްޑޫގައި ކުރިއަށްދާ އިރު، މި މަހުގެ 30 އިން އަންނަ މަހުގެ 14 އާ ހަމައަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ތަމްރީނެއް ވެސް ގަމުގައި ކުރިއަށް ގެންދަން ނިންމާފައިވެ އެވެ. މި ތަމްރީނުގައި ވަޔާއި ކަނޑުގެ ސަރަހައްދު ބޭނުންކުރަން ހަމަޖެހިފައިވެ އެވެ.

އައްޑޫގައި ސިފައިންގެ ބޮޑު ތަމްރީނެއް ފެށިއިރު، މި ފަހުން، ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅިގެން އައްޑޫގައި ބޮން ގޮއްވަން އުޅުނު ބަޔަކު ވަނީ ހުއްޓުވައިފައެވެ. އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރުކޮށް، މިހާރު ތިބީ ބަންދުގަ އެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މިމަހުގެ 11ވަނަ ދުވަހު އައްޑޫގައި ފެށި އޮޕަރޭޝަންގައި މިހާތަނަށް 14 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ގެތަކުންނާއި، މިފަރާތްތައް ބޭނުންކުރަމުންދާ ބައެއް ގެތަކާއި، ބައެއް ވެހިކަލްތަކާއި، ޑިންގީއެއް ބަލައިފާސްކޮށް، މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ހޯދާފަ އެވެ.