ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ކ. މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސްކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާފުށީ ޖަލުގައި ކުރިއަށް ގެންދަނީ ފުލުހުންނާއި ސިފައިނާ ގުޅިގެން ކަމަށެވެ. މިއީ ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް މައުލޫމާތު ލިބިފައިވާތީ ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށްވެސް ކަރެކްޝަންއިން ބުނެ އެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ސްކޭމާއި ޓެރަރިޒަމާ ދެކޮޅަށް މާފުށީ ޖަލުގައި އޮޕަރޭޝަނެއް ފެށިއިރު، މީހުންނަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ ކަމާ ގުޅޭ މުއައްސަސާތައް އެއް ތަނެއްގައި ތިބެގެން މަޝްވަރާ ކުރުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ވޯކްޝޮޕެއް ބާއްވައިފަ އެވެ.

މި އަހަރުގެ މިހާތަނަށް ވެސް ސްކޭމްގެ 998 މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ. އެ މުއްދަތުގެ ތެރޭގައި ސްކޭމްތަކުން އެކި ފަރާތްތަކަށް 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.

މިދިޔަ މަހު ފުލުހުންނާއި ސިފައިން ޓެރަރިޒަމާއި ދެކޮޅަށް މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި އޮފަރޭޝަނެއް ހިންގައި 14 މީހަކު ހައްޔަރުކޮށްފައިވެ އެވެ.