މާލެ ސަރަހައްދުގެ ގޭގެއިން ކުނި އުކާލުމުގެ ކަންކަމާ އެއްވެސް އިރެއްގައި ސިޓީ ކައުންސިލަކުން ނުބެހޭނެ ކަމަށާއި އެކަން ކުރާނީ ވެމްކޯއިން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ ކައުންސިލުން ކުނި ނަގާނީ މާލެ މަގުތަކާއި ޕާކުތަކާއި ފަޅުތެރެއާއި އާންމު ސަރަހައްދުތަކުން ކަމަށެވެ. އެއީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްގެ ޒިންމާއެއް ގޮތުގައި އޮތް ކަމެއް ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލޭގެ ގޭގެއިންނާއި އިމާރާތްތަކުން ކުނި ނެގުމުގެ އެއްވެސް ކަމެއްގެ ތެރެއަށް ސިޓީ ކައުންސިލުން ނުވަންނާނެ ކަމަށާއި އެކަން ކުރާނީ ވެމްކޯއިން ކަމަށެވެ.
މާލެ މަގުތަކުނާއި އާންމުތަންތަނުން ނަގާ ކުނި ސިޓީ ކައުންސިލުން ގެންގޮސް ހަވާލު ކުރާނީ ވެމްކޯގެ ސަިއޓާ ކަމަށާއި ގޭޓް ފައިސާވެސް ދައްކާނެ ކަމަށް މޭޔަރު ފާހަގަ ކުރެއްވި އެވެ. އަދި ކުނި އުކާލުމުގެ ކަންކަން ކުރާނީ ވެމްކޯގެ ބާޖުތަކުގައި މިހާރު ވެސް އެކަން ކުރާ އުސޫލުން އެ ކުންފުނިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުން ކުނި ނަގަން ވެމްކޯއާ އެކު އެންްމެ ފަހުން އެއްބަސްވީ ތިން އަހަރުގެ މުއްދަތަކަށެވެ. ޑިސެމްބަރު 26، 2019 ގައި ކުރީގެ ކައުންސިލުން އާ ކުރި އެ އެއްބަސްވުން މި މަހުގެ 26 އަށް ހަމަވާނެ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ވެމްކޯގެ މުވައްޒިފުންގެ ގޮތުގައި މަގު ކުނިކަހާ އެއްވެސް މީހެއްގެ ވަޒީފާ މި ބަދަލާއެކު ގެއްލިއްޖެނަމަ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކަށް އެ މުވައްޒިފަށް ފުރުސަތު ދޭނެ އެވެ.
ކުނި ނެގުމުގެ މަސައްކަތުގައި މާލޭގައި 15 ވެހިކަލެއް، ވިލިމާލޭގައި ހަތަރު ވެހިކަލެއް ބޭނުން ކުރާއިރު، ހަނި ގޯޅިތަކަށް ވަދެވޭ ވަރުގެ ވެހިކަލް ވެސް ބޭނުން ކުރާނެ ކަަމަށް ކައުންސިލުން ބުންޏެވެ.
މިހާރު މާލޭގެ މަގުމަތީގައި ބަހައްޓާފައިވާ ކުނިތައް ގިނަވެ މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ ވެހިކަލްތަކަށް އެކަމުގެ އުނދަގޫފޯރާ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި އެފަދަ ކުނިތައް މަގުމަތިން ނެގުން ލަސްވަމުންދިއުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދާ ކަންވެސް މާލެ ސިޓީ ކައުންސިލުން ފާހަގަކުރެ އެވެ.
މާލެ ސިޓީ ކައުންސިލުން ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރުމާއި ގުޅިގެން ވެމްކޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމުގެ ސަބަބުން އެތަކެއް ވަޒީފާ ގެއްލިގެންދާނެ ކަމަށް އޭރު ވެމްކޯއިން ވަނީ ބުނެފަ އެވެ. ވެމްކޯއިން ބުނީ ކައުންސިލުން އަމިއްލަ އަށް އެ ކަން ކުރާ ނަމަ ކުރަންޖެހޭ ހަރަދުތައް މިހާރަށް ވުރެ ތިން ގުނަ ބޮޑުވާނެ ކަމަށެވެ.