ވޮޝިންޓަން (17 ޑިސެމްބަރު) - އެމެރިކާގައި ކޮވިޑް ވެކްސިން ދޭން ފެށުމާއެކު އާންމުންގެ ތެރޭގައި ވެކްސިނާ ގުޅިގެން ހުރި ނުތަނަވަސްކަން ނައްތާލުމަށް އެމެރިކާގެ މިހާރުގެ ނައިބު ރައީސް މައިކް ޕެންސް އަދި ރައީސް ކަމަށް އަލަށް އިންތިހާބުވެޑައިގެންނެވި ޖޯ ބައިޑެން ކޮވިޑް ވެކްސިން ޖެހުމަށް ހަމަޖެހިއްޖެ އެވެ.

ވެކްސިން ޖެހުމަށް ދެކޮޅު ހަދާ މީހުން ގިނަ އަދި އިންޓަނެޓްގައި އެންޓި ވެކްސް ގުރޫޕްތަކުން ކެނޑިނޭޅި ނުރަނގަޅު މައުލޫމާތު ދެމުންދާތީ އެމެރިކާގައި ވެކްސިންގެ އެންމެ ފުރިހަމަ މައުލޫމާތު ގިނަ ބަޔަކަށް ނޭނގެ އެވެ. އެހެންކަމުން ވެކްސިން ބޭނުންކުރުމަށް ގިނަ ބަޔަކު ފަސްޖެހެ އެވެ.

ރޮއިޓާސް އިން ޑިސެމްބަރު 2 ން 8 އަށް ކުރިއަށް ގެންދިޔަ ހިޔާލުހޯދުމުގެ ވޯޓުން ދައްކާގޮތުގައި ވެކްސިން ބޭނުންކުރާނެ ކަމަށް ބުނެފައިވަނީ އެންމެ 61 ޕަސެންޓް މީހުންނެވެ.

ކޮވިޑް ވެކްސިން ބޭނުންކުރުމަށް އާންމުންނަށް ހިތްވަރު ދިނުމަށާއި ވެކްސިންގެ އެއްވެސް މައްސަލައެއް ނޫޅޭކަން ޔަގީންކޮށްދިނުމަށް ނައިބު ރައީސް ޕެންސްގެ އިތުރުން އަނބިކަނބަލުން ކަރެން ޕެންސް އަދި އެމެރިކާގެ ސާޖަންޓް ޖެނެރަލް ޑރ ޖެރޯމް އެޑަމްސް ހުކުރު ދުވަހު ވެކްސިން ޖަހާނެ އެވެ. އަދި އަލަށް ހޮވުނު ރައީސް އަންނަ ހަފްތާގައި ވެކްސިން ޖައްސަވާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އުމުރުން 78 އަހަރުގެ ބައިޑެން ވެސް ހިމެނެނީ ކޮވިޑްގެ އެންމެ ހައިރިސްކް ކެޓަގަރީގަ އެވެ. ރައީސް ޓްރަމް ވެސް ވަނީ އޮކްޓޯބަރު މަހުގައި ކޮވިޑަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފަ އެވެ. ބައިޑެން ވަނީ ކޮވިޑް ރޯގާގެ ސަބަބުން ދިމާވަމުންދާ ކަންކަން ހައްލުކުރުމަކީ އެންމެ އިސްކަމެއްދީގެން ކުރާނެ ކަން ކަމަށް ހާމަކޮށްފަ އެވެ.

ކޮވިޑް ރޯގާ ޖެހިގެން މިހާތަނަށް އެމެރިކާއިން 307،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. – ސްޓްރައިޓްސް ޓައިމް