ޕްރޮޑިއުސަރު ރޯހިތް ޝެޓީގެ ކާމިޔާބު އެކްޝަން ފިލްމު ސިލްސިލާ "ސިންގަމް އެގެއިން"ގެ ބަތަލާއަކަށް މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯން ހަމަޖައްސައިފި އެވެ.
ރޯހިތު ޝެޓީގެ ކާމިޔާބު ފްރެންޗައިޒް "ސިންގަމް"ގެ ދެ ފިލްމެއް މިހާތަނަށް ވަނީ ގެނެސްދީފަ އެވެ. އަޖޭ ދޭވްގަނާއި އެކު ރޯހިތު "ސިންގަމް" ތިން ވަނަ ބައެއްގެ މަސައްކަތް މިހާރު ފަށާފައިވާއިރު މިފިލްމަށް ބަތަލާއަކަށް ދީޕިކާ ނެގިކަން މިހާރު ވަނީ ކަށަވަރުކޮށް ދީފަ އެވެ. މިއާ އެކީ "ސިންގަމް އެގެއިން" ވާނީ ރޯހިތާ އެކީ ދީޕިކާ މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ.
މިފިލްމު ވެގެންދާނީ އަޖޭ އާއި ދިޕިކާ އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
އަންނަ އަހަރު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލާގެ ރޯލަށް އެ ދެ މީހުން ކުރިން އެކީގައި މަސައްކަތްކުރީ ޝާހްރުކް ޚާން ބަތަލުގެ ރޯލު ކުޅުނު 2013 ގެ "ޗެންނައި އެކްސްޕްރެސް" ގަ އެވެ. ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްއާ އެކީ ރޯހިތު މި މަހުގެ 23 ގައި ސިނަމާތަކަށް ދޫކޮށްލާ "ސާކަސް" ގެ ލަވައަކުން ދީޕިކާ ފެންނާނެ އެވެ. "ކަރަންޓް ލަގާ ރޭ" ގެ ނަން ދީފައިވާ އެ ލަވަ މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.
"ސިންގަމް އެގެއިން" ގެ ބަތަލާއަކަށް ދީޕިކާ ހަމަޖެއްސި އިރު، ރޯހިތުގެ ކޮޕް ޔުނިވާސްގެ މި ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު 2011 ގެ "ސިންގަމް" ގެ ބަތަލާ އަކީ މަޝްހޫރު ތެލެގޫ ބަތަލާ ކާޖަލް އަގަރްވާލެވެ. އަދި 2014 ގެ "ސިންގަމް ރިޓާންސް" ގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.
"ސިންގަމް އެގެއިން" ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.