ޕެރިސް (17 ޑިސެމްބަރު) - ރެސްޓޯރަންޓްތަކުންނާއި ބޭރުން ކެއުން ނުވަތަ މި ފަދަ ތަންތަނުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ކޮވިޑަށް ޕޮޒިޓިވްވުމުގެ ޗާންސް ބޮޑު ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

ޕްރާންސްގެ އިންސްޓިޓިއުޓް ޕެސްޗުއާއިން ވަނީ ކޮވިޑް އާންމުކޮށް ޖެހެނީ ކޮންކަހަލަ އާދަތަކެއް ގެންގުޅޭ ބައެއްތޯ ދެނެގަތުމަށް ރިސާޗެއް ހަދާފަ އެވެ. މި ގޮތުން އަދާކުރާ ވަޒީފާ، ދަތުރު ފަތުރުކުރާ ގޮތް އަދި ގޮސް އުޅޭ ތަންތަނުގެ ސަބަބުން ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު ތޯ ބެލި އެވެ.

މި ރިސާޗްގައި ކޮވިޑަށް ޕޮޒިޓިވްވި 3،400 މީހުން އަދި ޕޮޒިޓިވް ނުވާ 1،700 މީހުންނާ އިންޓަވިއުކޮށް މައުލޫމާތު ނަގާފައިވެ އެވެ.

މި ރިސާޗް ހަދާފައިވަނީ އޮކްޓޯބަރު މަހާއި އަދި ނޮވެމްބަރު މަހު ތެރޭގަ އެވެ.

މި ދުވަސްވަރަކީ ފްރާންސްގެ ކޮވިޑް ރޯގާ ފެތުރުން ކޮންޓްރޯ ކުރުމަށް އެންމެ ފުރަތަމަ ބަންދުކުރަން ފެށުނު ދުވަސްވަރެވެ. އަދި ރޯގާ ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތަކާއެކު ރެސްޓޯރަންޓްތަކާއި އެފަދަ ގިނަ ތަންތަން ބަންދުކޮށްފައި ހުރި ދުވަސްވަރެއްގަ އެވެ.

އެ ރިޕޯޓުގައި ވާގޮތުން އިންޓަވިއުކުރި މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ގިނަ މީހުންނަކީ ބަހުގައި ދަތުރުކުރި މީހުންނާއި ފިހާރަތަކަށް ދިޔަ މީހުންނަށް ވުރެ ރެސްޓޯރަންޓްތަކާއި ބާ ތަކަށް ގިނައިން ގޮސް އުޅުނު މީހުންނެވެ. އަދި މީގެ އިތުރުން ރައްޓެހިންނާއެކު ގޭގައި ކެއުމުގެ ހަފްލާތަށް ބޭއްވި މީހުން ވެސް ހިމެނެ އެވެ.

އެންމެ ފަހުން ކޮރޯނާ ވައިރަސް އާއި ބެހޭގޮތުން ހޯދުނު ހޯދުންތަކާއި ހަވާލާދީ ސައިންސްވެރިން ބުނީ ރަނގަޅަށް ވައި ދައުރު ނުވާ އިންޑޯ ތަންތަނުގައި ކޮރޯނާ ވައިރަސް މާބޮޑަށް މާދުރަށް ފެތުރޭ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހު އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ކުރި ސާވޭއަކުން އެނގުނު ގޮތުގައި ކުރީ ހަފްތާގައި ރެސްޓޯރެންޓް ތަކަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެގެން ރިޕޯޓްކުރުން އެ ހަފްތާގައި ރެސްޓޯރެންޓަކަށް ނުދާ މީހަކަށް ވުރެ ގާތެވެ.

މީގެ އިތުރުން ފްރާންސްގެ ރިސާޗަރުން ވަނީ 25،600 މީހުންގެ ހެލްތް އިންޝުއަރެންސް ޑޭޓާ ބޭނުންކޮށްގެން އެމީހުން ކޮވިޑަށް އިންފެކްޓްވި ތަފާތު ހާލަތްތައް ދެނެގަންނަން މަސައްކަތްކޮށްފަ އެވެ. އެގޮތުން ކެއުމުގެ ހަފްލާތަކާއި ކެއުމަށް ތިބޭ ތިބުމަކީ ވައިރަސް އެންމެ ގިނައިން ފެތުރޭ ގޮތް ކަމަށް ދެނެގަނެވިފައިވެ އެވެ. ސަބަބަކީ އެންމެންވެސް ކާން ތިބެނީ މާސްކް ނަގައިގެން ކައިރި ކައިރީގައި ކަމަށް ވާތީވެ އެވެ.