ހދ. ނޮޅިވަރަމްގައި މިއަދު އަންހެނަކު މަރުވެ، އޭނާގެ މަރުގެ ތުހުމަތު ފިރިމީހާއަށް ކޮށްފި އެވެ.
އެ ރަށުން ވާހަކަ ދެއްކި ދެ މީހަކު ބުނީ، އެ އަންހެން މީހާ މަރުވި ހާދިސާއާ ފިރިމީހާ ގުޅުވައިގެން ވާހަކަދައްކަމުން އަންނަ ކަމަށެވެ. އެގޮތަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ދެ ސަބަބެއް އެބައޮތް ކަމަށް ވެސް އެ މީހާ ބުންޏެވެ. އެއް ކަމަކީ، އަނބިމީހާ ހޭނެތިފައި އޮއްވާ، ފިރިމީހާ އެ ރަށުން ފުރައިގެން ދިއުމާއި، އެ ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހިގެން އުޅޭތާ ދުވަސްތަކެއް ވެފައި ވުމެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނައިރު، އެނގިފައިވާ ގޮތުގައި، މި މަރާ ގުޅިގެން އެ އަންހެން މީހާގެ ފިރިމީހާއަށް ތުހުމަތުތަކެއް ކުރެވެ އެވެ. އެގޮތުން، އެ މީހާގެ ހަށިގަނޑު ފެނުނު ބައެއް މީހުން ބުނިގޮތުގައި އެ އަންހެން މީހާގެ ކަރުގައި ޒަހަމަތްކެއް ހުއްޓެވެ. އަދި އަންހެން މީހާގެ މޫނު އޮތީ ނޫ ވެފައި ކަމަށާއި އެހެންވީ ނޭވާ ހާސްކޮށްލުމުން ކަމަށް ބުންޏެވެ.
"ބޮޑަށް ބެލެވެނީ ނޭވާ ހާސްކޮށްލައިގެން މަރާލާފައިވާ ކަމަށް. ވަރަށް ބޮޑަށް ބެލެވޭ މަރާލާފައިވާ ކަމަށް،" އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ރަށުތެރޭގައި ފުރަތަމަ ވާހަކަ ދެކެވުނީ، މިކަން ހިނގުމަށް ފަހު ފިރިމިހާ ފިލީ ކަމަށެވެ.
އެހެން މީހަކު ބުނީ، އެހެން ރަށަކަށް އެ ނިސްބަތްވާ އެ ފިރިހެން މީހާ، އެ ހާދިސާއަށް ފަހު ރަށުން ފުރަައިގެން ދިޔަ ނަމަވެސް މިހާރު އަމިއްލައަށް އެ އަތޮޅު ކުޅުދުއްފުށީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި މި މަރާ ގުޅިގެން ފިރިމީހާއަށް ތުހުމަތުތަކެއް ކުރެވޭތީ، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
ރަށުން ވާހަކަ ދެއްކި މީހާ ބުނީ، 28 އަހަރުގެ އަންހެން މީހާ އަކީ އެ ރަށު މީހެއް ކަމަށާއި އެކަމަކު، އޭނާގެ ފިރިމީހާ އަކީ އދ. ފެންފުށީ މީހެއް ކަމަށެވެ.
އެ ރަށު ކައުސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ، އެ އަންހެން މީހާ ހެނދުނު ނުހޭލައިގެން ބެލި އިރު އޮތީ މަރުވެފައި ކަމަށެވެ.
"ފުރަތަމަ ހޭނެތިގެން ކަމަށް ބުނެ، ސިއްހީ މަރުކަޒަށް ގެންދިޔައީ. ގެންގޮސް ބެލި އިރު އޮތީ މަރުވެފައި،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ، މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ މިއަދު 12:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ވަގުތުން ސީން އަށް ދިޔަ ކަމަށެވެ. އަދި އެ އަންހެން މީހާގެ ހަށިގަނޑު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި އޭރު މަރުވެފައި އޮތް ކަމަށް ސިއްހީ މަރުކަޒުން ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަން ކުޅުދުއްފުށިން ވެސް ފުލުހުންގެ ޓީމެއް މިހާރު ވަނީ ނޮޅިވަރަމަށް ގޮސްފަ އެވެ.
އެ ދެމަފިރިންގެ ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ.