މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް މެމްބަރުން އިންތިހާބުކޮށްފި އެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، އާންމުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

މީޑިއާ ކައުންސިލުގެ އިންތިހާބު ބާއްވާފައި ވަނީ މިއަދު ހެނދުނު 9:00 އިން 11:00 އަށް ސޯޝަލް ސެންޓަރުގަ އެވެ.

އެމްއެމްސީގެ ގާނޫނޫގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މީޑިއާ ކައުންސިލްގެ މިހާރު ކުރިއަށްދާ ދައުރުގެ މުއްދަތު ހަމަވާނީ މިމަހުގެ 14 ވަނަ ދުވަހަށެވެ.

މިއަދު ބޭއްވި ކައުންސިލް އިންތިހާބުގައި ވަނީ މީޑިއާތަކުގެ ފަރާތުން ހަތް މެންބަރުން އަދި އަމިއްލަ މެންބަރުންގެ ގޮތުގާ ހަ މެންބަރުން ހޮވުމަށް ވޯޓު ނަގާފަ އެވެ.މިފަހަރުގެ އިންތިޚާބުގައި މީޑިއާތަކުން އިންތިހާބުކުރާ 7 މެންބަރުކަމަށް 10 މީހަކު ވާދަކުރިއެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުކުރާ 6 މެންބަރުކަމަށް 12 މީހަކު ވާދަކުރި އެވެ.

މީޑިއާތަކުން އިންތިހާބުކުރި 7 މެންބަރުން

  1. އަހްމަދު އާޒިފު، ކެތި، ގއ. ގެމަނަފުށި – ސަން އޮންލައިން
  2. މުހައްމަދު ސިމާއު، ވ. ސިނަމާލެ 4 3-06 – ވަން އޮންލައިން
  3. މުހައްމަދު އަފްރާޙް، ބާދަލް، ބ. މާޅޮސް – ތިލަދުން
  4. މޫސާ ރަޝީދު، ހ. ވިޝަން، މާލެ – މިހާރު އޮންލައިން
  5. ހުސައިން ޝަރީފް ، ނައިޓްހައުސް، ސ. ހިތަދޫ – ވަގުތު އޮންލައިން
  6. އަހުމަދު މުސްތަފާ، ދަފްތަރު ނަންބަރު ރސ 8518 – ޕަބްލިކް ސާވިސް މީޑިއާ
  7. އަލީ ނިޝާން، ކޫލްގްރާސް، މާލެ – އާފަތިސް އޮންލައިން

އާންމުންގެ ތެރެއިން އިންތިޚާބުކުރި 6 މެންބަރުން

  1. އަރުމާނު ރަޝީދު، ރޯސްވިލާ، ސ. މީދޫ
  2. އަހްމަދު ސައްފާނު، މާކޯނި، ރ. ވާދޫ
  3. ފާތިމަތު ޝާޒުލީ، ހ. ޝީޝަމް، މާލެ
  4. އަހްމަދު އަމީން މުހައްމަދު، ރިހިދޯދި، ގދ. ފިޔޯރި
  5. މުހައްމަދު ނަސީރު، ދަނބުގެ، ހދ. ވައިކަރަދޫ
  6. އަލީ ރަޝީދު އިބްރާހިމް، ކުންނާރުގަސްދޮށުގެ، ދ. ކުޑަހުވަދޫ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރަކީ ދެ އަހަރު ދުވަހުގެ ދައުރެކެވެ. މީޑިއާ ކައުންސިލްގެ އިންތިހާބު ބާއްވަނީ ހޯމް މިނިސްޓްރީންނެވެ.

މީޑިއާ ކައުންސިލްގެ މައިގަނޑު މަގްސަދަކީ ގާނޫނު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމެވެ. އަދި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާއި އުސޫލުތަކުގައި ހިފަހައްޓާ ޒިންމާދާރު މީޑިއާއެއް ގާއިމުކުރުމެވެ.