ކޮވިޑް- 19ގެ މި އާލަމީ ވަބާ ފެތުރިގެން ދިޔައިރު ގިނަ މީހުންނަށް މި ބައްޔަކީ ކިހިނެތް ޖެހޭ ބައްޔެއްކަން ވެސް ނޭނގެ އެވެ. ބޭހެއް ވެކްސިނެއް އޭރު ނެތް މި ބައްޔާ ކުރިމަތިލާނެ ގޮތްތައް ހޯދަން ސިއްހީ ހިދުމަތްތެރިން ކުރެއްވި މަސައްކަތުން އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީ ބަލި ޖެހޭ މީހުން އެކަހެރިކޮށް، އެ މީހާއާއި ދިމާވި މީހުން ކަރަންޓީނު ކުރުމެވެ.

އާންމުކޮށް މީހުން ކަރަންޓީނު ކުރަނީ 14 ދުވަހުގެ މުއްދަތަކަށެވެ. މި ވައިރަހުގެ އިންކިއުބޭޝަން ޕީރިއަޑް ކަމަށް 5-6 ދުވަހުގެ މުއްދަތެއް ކަނޑައެޅިފައިނުވާ އިރު އެ މުއްދަތު 14 ދުވަހަށް ވެސް ހުންނަ ކަމަށްވެ އެވެ. މި ދުވަސްތަކުގެ ތެރޭގައި މީހާގެ ހަށިގަނޑުގައި ވައިރަސް ހުރެ، އޭގެ އެއްވެސް އަލާމާތެއް ނުފެނި އެހެން މީހެއްގެ ގަޔަށް އެ ވައިރަސް އަރަ އެވެ. އެހެން ކަމުން ކޮވިޑް-19 ޖެހިފައި ހުރި މީހަކާ ބައްދަލުވެފައި ހުރިނަމަ 14 ދުވަހަށް ކަރަންޓީނު ކުރުމަށް ގިނަ ގައުމުތަކުން ނިންމި އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްއެއް އެންމެ ފުރަތަމަ ވެސް ފެނުމާއެކު އެ ބަލި ފެތުރުނަ ނުދިނުމަށް އަމަލުކުރަން ފެށިގޮތަކީ ވެސް އެއީ އެވެ. ބަލި ޖެހޭ މީހުން އެކަހެރިކޮށް އެ މީހާއާއި ބައްދަލުވި މީހުން 14 ދުވަހަށް ކަރަންޓީނު ކުރީ އެވެ. އެގޮތުގެ މަތިން ދަނިކޮށް މާލެ ސަރަހައްދުން ކޮވިޑް-19ގެ ކޭސްއެއް ފެނި މުޅި ރާއްޖެ ލޮކްޑައުންއަކަށް ދިޔަ އެވެ. ދަތުރު ފަތުރު ހުއްޓި މުޅި ރާއްޖެ "ބަންދު" ވި އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ކޮންޓްރޯލް ވާން ފެށުމުން ބަލި ފެތުރެމުންދާ ރަށްތަކުގެ މީހުން ބަލި ނުފެތުރޭ ރައްށަރަށަށް ދާނަމަ ކަރަންޓީނު ވާގޮތަށް ހަމަޖެއްސި އެވެ. މީގެ އިތުރުން ގެސްޓް ހައުސް ހިންގާ ރަށްރަށުގައި އުޅޭ މީހުން، އެހެން ރަށަކަށް ދާނަމަ ވެސް 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހެ އެވެ.

ނަމަވެސް "ޒަރޫރީ" ހިދުމަތްތައް ދޭން އަތޮޅުތެރެއަށް ދާ ސަރުކާރުގެ އޮފީސްތަކުގެ މީހުން ކަރަންޓީނު ވާކަށް ނުޖެހެ އެވެ. އެ މީހުންނާއެކު ދިޔަ އާންމު މީހާ މި އޮންނަނީ ގޭގައި ކަރަންޓީނުގެ ފޫހިކަން މަތީގަ އެވެ. އެމީހުން ރަށުތެރޭގައި މިނިވަންކަމާއެކު އުޅެ އެވެ. ރެސްޓޯރެންޓްތަކަށް ގޮސް ކައިބޮއެ ވެސް އުޅެ އެވެ. ހަމަ އެމީހުންނާއެކު އައި ގެސްޓު މީހާ ވެސް މުޅި ރަށުތެރޭގައި ހިނގަނީ އެވެ.

މިކަމާ ރައްޔިތުންގެ ރުޅިގަދަވެ، އާސްމާނުގައި އޮތްވައި ދާދިފަހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއި ދިންކަން އިއުލާނުކޮށްފަ އެވެ. އެގޮތުން ދަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދާ މީހުން ކަރަންޓީނުވާން ޖެހޭނެ ކަމަށް އޮންނަ މުއްދަތު 10 ދުވަސް ކަމަށް ކަނޑައެޅި އެވެ.

މީގެ އިތުރުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކު ދަތުރުކުރާ ގޮތަށް އުސޫލު ބަދަލުކުރި އެވެ. މިއާއެކު ކަރަންޓީނާއި ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ކުޑަ ތަސައްލީއެއް ލިބުނުހެން ހީވި އެވެ.

އެޗްޕީއޭއިން ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް ގިނަ އުސޫލު ނެރެފި އެވެ. އުސޫލުތައް އޮންނަނީ ލިޔެކިޔުމުގަ އެވެ. އެއަށް އަމަލުކުރާ ތަން ފެންނަނީ ވަކި ބައެކެވެ.

މިހެން މި އުސޫލު އޮތްވައި މީގެ ދެތިން ދުވަސް ކުރިން އެޗްޕީއޭ އިން މިވަނީ އަނެއްކާ ވެސް އެ އުސޫލު ބަދަލުކޮށްފަ އެވެ. އެއާއެކު މިބުނާ "ޒަރޫރީ" ބޭނުންތަކަށް ރަށްރަށަށް ދާ މީހުން ދެން ނެގެޓިވް ޕީސީއާރް ޓެސްޓެއް ބޭނުންނުވާނެ އެވެ.

މި އުސޫލުގައި ދެން އޮތީ އަދި މާ އަޖައިބުކުރުވަނިވި ކަންތައްތަކެކެވެ. ނެގެޓިވް ޕީސިއާރް ޓެސްޓަކާއެކު ބޭރު ގައުމުތަކުން މާލެ (މާލެ، ހުޅުމާލެ، ވިލިމާލެ) އަށް އަންނަ މީހުން 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރާކަށް ނުޖެހެ އެވެ. ނަމަވެސް އެ މީހުން އަތޮޅުތެރެއަށް ދާއިރު ކަރަންޓީނު ވާން ޖެހެ އެވެ. މިއީ ކޮންކަހަލަ އުސޫލެއް ހެއްޔެވެ؟

ބޭރުގެ ގިނަ ގައުމުތަކުގައި އަދިވެސް ރާއްޖެއަށް ވުރެ މާ ގަދައަށް ކޮވިޑް އެބަ ފެތުރެ އެވެ. އެ ފަދަ ގައުމަކުން އައިސް މާލޭގައި ކަރަންޓީނު ވާން ނުޖެހި އަތޮޅުތެރެއަށް ގޮސް ކަރަންޓީނުވާން ޖެހޭ އެއްވެސް ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނެ އެވެ.

މިހާތަނަށް އަތޮޅުތެރޭގައި ކޮވިޑް ނުފެތުރި އޮތީ ކަމާބެހޭ ފަރާތްތަކުގެ މިންނެތް މަސައްކަތުން ކަން ގަބޫލުކުރަމެވެ. ސިއްހީ ވަސީލަތްތައް މަދު ރާއްޖޭގެ ރަށްރަށަށް ކޮވިޑް ފެތުރިގެންދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. ދާދި ފަހުން ފުލުހުންގެ ބަޔަކު އުތުރުގެ ރަށްތަކަކަށް ކުރި ދަތުރެއްގައި ހދ. ކުޅުދުއްފުއްޓަށް ކޮވިޑް ފެތުރި މާގިނަ ބަޔަކަށް ނުޖެހި ސަލާމަތްވީ ކިރިޔާ އެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކާއި މަޖްލިސް މެމްބަރުން ކޮންމެ ހަފުތާއަކުން ކޮންމެ ވެސް ތަނެއްގެ ބިންގާ އެޅުމަށާއި މަގު ހެދުން، ބަނދަރު ހެދުން ފަދަ މަޝްރޫއެއް ކުރިޔަށްދާ ގޮތް ބެއްލެވުމަށް ދަތުރުކުރައްވަ އެވެ. ޓެސްޓެއް ވެސް ކުރުމެއް ނެތި އެވެ. އެކަންތައް "އޯކޭ" އެވެ. އެހެން ނަމަވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ރަށަށްދާ މީހާ މި ޖެހެނީ 10 ދުވަހުގެ ކަރަންޓީނުގެ މުދަތު ހަމަ ކުރާށެވެ.

ކޮވިޑު ދަތުރު ކުރަނީ ވަކި ބަޔަކާއެކު ވަކި ތަނަކަށް ހެއްޔެވެ؟

އެޗްޕީއޭގެ މި ދެކޮޅު ނުޖެހޭ އުސޫލާ ގުޅިގެން އާންމުން "ރަތަށް" އަރާފައިވާ އިރު ގިނަ މީހުން ބުނަނީ މިއީ ވަކި ބަޔަކަށް މަގުފަހި ކުރުމުގެ ގޮތުން ކުރެވުނު ކަމެއް ކަމަށެވެ.

ކޮންމެއަކަސް ރައްޔިތުންނާއި ގުޅޭ މިފަދަ އުސޫލުތަކާއި ގަވާއިދުތައް ހަދާ އާންމުކުރާއިރު އެ އުސޫލުތައް ހެދިފައިވަނީ ކިހިނެތް ކަމާއި ވިސްނަނީ ކޮން ގޮތަކަށް ކަން ކަމާ ބެހޭ ފަރާތްތަކުން އާންމުންނަށް ބުނެދޭން ޖެހެ އެވެ.

ބުނެ ނުދެވޭ ކަމަށް ވަންޏާ ރައްޔިތުން "ބޮލަށް އަރައިގަންނާނެ" އެވެ.